އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކޭ ލިމިޓް މަހަކު 1،000 ޑޮލަރަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ބީއެމްއެލް ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގެ ޕީއޯއެސް މެޝިންތަކުން މަހެއްގެ މައްޗަށް ކެނޑޭ ލިމިޓް މިހާރު ހުރީ 500 ޑޮލަރުގައެވެ. އެ އަދަދު 1000 ޑޮލަރަށް އިތުރުކުރަން ނިންމާފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އަަހަރީ ދުވަސް އަދި ޖުމްހޫރީ ދުވަސް ގޮތުގައި ފާޙަގަ ކުރާ ނޮވެމްބަރު 11 ވަނަ ދުވަހު ފެށިގެން ކަމަށް ރައީސް ވިދާޅުވީ، މިރޭ މ. މުލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަމައެއާއެކު އަންނަ ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ވެސް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ހަމަ އެ ތާރީހުން ފެށިގެން ރާއްޖޭން ބޭރުގައި ބޭސްފަރުވާއަށް ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހުމުން، ބޭންކުގައި އެދިގެން ހޮސްޕިޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލުތަކަކީ ބްލެކް މާކެޓުން އަގު ބޮޑުކޮށް ޑޮލަރު ގަނެގެން ރައްޔިތުން އުޅެން ޖެހިފައިވާ އަޅުވެތިކަމުން އަރައިގަނެވޭނެ ފިޔަވަޅުތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކަމުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ފެންނާނެ ކަމަށް ވެސް ރައީސް ވިދާލުވިއެވެ.

ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގެ އިތުރުން ވެސް ރާއްޖޭގެ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަަން ރައީސް ފާހަގަކުރެއްވިއެވެ. ތަރައްގީ ގަނައުމަށް މަސައްކަތް ކުރަނީ އުމްރާނީ ގޮތުންނާއި ފިކުރީ ގޮތުންނާއި ސިއްހީ ގޮތުންނާއި އަދި ވެސް އއެހެނެިހެން ގޮތްގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރު ތަފުސީލް އަންނަނީ...