މިއަދު ހުކުރު ނަމާދު ވަގުތުގައި މ. މުލީ ހުކުރު މިސްކިތުގެ ކަރަންޓު ޑިސްޓްރިބިއުޝަން ބޯޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ހުކުރު ހުތުބާ ކިޔަމުން ދިޔަ ވަގުތުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ މިސްކިތުގެ ޑިސްޓްރިބިއުޝަން ބޯޑުގައި އަލިފާން ރޯވެ ހުޅުގަނޑެއް ވަނީ އުފެދިފައެވެ. އަދި އެ ވަގުތު މިސްކިތުގައި ތިބި ބައެއް އާންމުން ގުޅިގެން އަލިފާން ނިއްވާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މި ހާދިސާއާ ގުޅިގެން މުލީ ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުކުރު ނަމާދު ވަގުތުގައި ޑިސްޓްރިބިއުޝަން ބޯޑުން އަޑެއް އިވުމަށްފަހު ދުން އަރަން ފެށި ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ތަނުގައި އަލިފާން ރޯވި ނަމަވެސް، އާންމުންގެ އެހީތެރިކަމާއެކު އަލިފާން ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި ލިބުނު ގެއްލުންތަކަށް ބަލާއިރު، މިސްކިތުގެ ޑިސްޓްރިބިއުޝަން ބޯޑާއި އެ ބޯޑަށް ގުޅާފައިވާ ނަރުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ޝަމްއޫން ވިދާޅުވި ގޮތުގައި، މިހާރު ފެނަކަ ކޯޕަރޭޝަނާ ގުޅިގެން އެ މައްސަލަ ހައްލުކޮށް، އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އުއްމީދަކީ މިރޭގެ ވަގުތަށް މިސްކިތުގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުކޮށް ނިންމާލުން ކަމަށްވެސް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.