މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން މިނިވަން ތަހުގީގެއްކޮށް، ޝައްކެއް ނުއުފެދޭނެ މިންވަރަށް ކަމުގެ ހަގީގަށް ހާމަކުރުމަށް އެމްޑީޕީއިން ގޮވާލައިފިއެވެ.

އެ ހާދިސާގެ ތަހުގީގުގައި ފުލުހުން އަމަލުކުރަމުންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއިން ނެރުނު ނޫސްބަޔާނުގައި ބުނީ މި ހާދިސާއާ ގުޅޭ ބައެއް މައުލޫމާތުތައް ހިފަހައްޓައި، ސިއްރު ނޫސްވެރިންގެ ބައްދަލުމެއްގައި އަނިޔާ ލިބުނު ޒުވާނާގެ މައުލޫމާތުތައް ހާމަކޮށްފައިވުމަކީ އެ އިދާރާގެ ފަރާތުން ފެނިގެންދިޔަ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އެމްޑީޕީއިން ބުނީ އެފަދަ ގޮތަކަށް އަމަލުކުރުމަކީ އިންސާފު ލިބުމަށް އޮތް ހުރަހެއް ކަމުގައި އެމްޑީޕީއިން ދެކޭ ކަމަށެވެ. އަދި މި ހާދިސާގެ ތަހުގީގު ކުރިއަށްގެންދާއިރު މީގެކުރިން އަމަލުކޮށްފައިވާ ބައެއް އުސޫލުތަކާއި ހިލާފަށް ފުލުހުން އަމަލުކުރަމުންދާކަން ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެމުން އާއިލާގެ ފަރާތުން ފާހަކޮށްފައިވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

މި ހާދިސާގެ ތަހުގީގުގައި އާންމު އުސޫލުގެ ބޭރުން ހާއްސަ ގޮތަކުން ފުލުހުން އަމަލު ކުރަމުންދާ ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާއިރު، ފުލުހުންގެ މެދުގައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ތުހުމަތުވާ ފަރާތްތަކާމެދު އަމަލުކޮށް، މިނިވަން ތަހުގީގެއް ހިންގުމަށް އެމްޑީޕީއިން ވަނީ ހަރު އަޑުން ގޮވާލާފައެވެ.

އެމްޑީޕީއިން ވަނީ މި ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާނަމަ، އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށް ވެސް ކަމާގުޅުން ހުރި އިދާރާތަކަށް ގޮވާލާފައެވެ. ރާއްޖޭގައި މަސްތުވާތަކެތި އާންމުވެ، އެ ވަބާގައި ޒުވާން އެތައް ކުދިންނެއް ޖެހި، އިޖުތިމާއީ ފޭރާން ވިރާނަވަމުން އަންނައިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތައް ވަރުގަދަކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.