ހައުސިންގް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ބިމެއް ވިއްކާނެކަމަށްބުނެ، އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު، އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، އެޗްޑީސީގެ އެސްޓޭޓް އޮފިސަރުގެ މަގާމުގައި ކުރިންހުރި ކ.މާލެ، މ.ސީވިންޑް، ފުތިހަ ޝާކިރު ގެ މައްޗަށެވެ.

2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 (ދެހާސް ހަ ސަތޭކަ) އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، ފުތިހަ ޝާކިރު، އެޗްޑީސީގެ ނަމުގައި ސައްހަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމްލަ 550,000.00 (ފަސް ލައްކަ ފަންސާސްހާސް) ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާއެވެ.

އަދި ބިން ވިއްކާނެކަމަށްބުނެ ފުތިޙަ ޝާކިރު ހޯދާފައިވާ 550,000.00 (ފަސް ލައްކަ ފަންސާސްހާސް) ރުފިޔާ އެ ދައުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވާނެ ކަމަށް އޭސީސީން ބުނެއެވެ.