6000 މީޙުންނަށް ހިދުމަތް ދެވޭ ގޮތަށް އުތުރު ތިލަފަޅުގައި އަޅަން ހަމަޖެހިފައިވާ ސެންޓްރަލް ޖަލު ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދުމަށް ހޯމް މިނިސްތްރީން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިރުލާންގައި ބުނެފައި ވަނީ، މި މި މަޝްރޫއު ކުރިއަށްގެން ދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ޖަލު ގާއިމް ކުރުމަށް އުތުރުތިލަފަޅުން 30 ހެކްޓަރުގެ ބިމެއް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

6000 މީހުންނަށް ހިދުމަތް ދިނުމަށް ގާއިމްކުރާ ސެންޓްރަލް ޖަލުގައި ކުށްވެރިން ބައިތިއްބާ ތަންތަނާއި ސްޓާފް ކުއާޓާއެއް ހިމެނެއެވެ، ތައުލީމީ ހިދުމަތް ދިނުމަށް ކްލާސްރޫމްތަކާއި ލައިބްރަރީގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ވެސް އެ ޖަލުގައި ހުންނާނެއެވެ. ހަމަައެއާއެކު ސިއްހީ ފަރުވާ ދިުމަށް ހާއްސަކޮށް އާންމު އަދި ހާއްސަ ބަލިތަކަށް ވެސް ފަރުވާ ދެވޭ ގޮތަށް ފާމަސީއަކަާއެކު ހޮސްޕިޓަލެއްވެސް ގާއިމް ކުރަން ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މުވައްޒަފުން ތިބޭ ތަންތަނާއި އެކިކަހަލަ ތަމްރީންތައް ފޯރުކޮށްދޭނެ ތަންތަނުގެ އިތުރަށް ކުޅިވަރު ކުޅެވޭނެ ސަރަހައްދެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޑްރަގް ރިހެބިލިޓޭޝަން އަދި ޑިޓޮކސް ފެސިލިޓީއަކާއި 1000 މީހުންގެ ޖާގައިގެ މިސްކިތެއް ވެސް އެ ޖަލުގައި ގާއިމް ކުރަން ވަނީ ނިންމާފައެވެ.

އުތުރު ތިލަފަޅުގައި ތަރައްގީ ކުރާ ސެންޓްރަލް ޖަލުގެ މަސައްކަތް ނިންމަން ޖެހޭނެ ތަރީހެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވަނީ 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ޖަލުގެ ހާލަތުތައް ބެލި އިރު، ހުރީ އެންމެ އެދެވޭ މިންގަނޑުތަކަށް ނޫން ކަމަށް ހޯމް މިނިސްޓރްީން މީގެ ކުރިން ބުނެފައި ވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ސެންޓްރަލް ޖަލެއް ގާއިމް ކުރަން ނިންމަވާފައެވެ.

މި ޖަލު ގާއިމްކޮށް ތިން އަހަރު ދުވަހުގެ ތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެންދެވޭނެ ގޮތަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ހޯމް މިނސިްޓްރު އަލީ އިހުސާން ވިދާޅުވެފައި ވެއެވެ. މި ޖަލު ގާއިމް ކުރެވުމުން ކަނޑަައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޖަލުތަކުން ދޭ ހިދުމަތްތަކާއި ގައިދީންނަށް ދޭން ޖެހޭ ރިހެބިލިޓޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ގެންދެވޭނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.