ފުލުހުން ތަހުގީގު ކުރަމުންދާ ސްކޭމްގެ މައްސަަލައަކާ ގުޅިގެން 2 މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި ހޯދަމުން ދަނީ ނަދީފް މުހައްމަދު، ރަންކޮކާގެ / ގއ. ގެމަނަފުށި (36އ) އަދި މަހްމޫދު އަބްދުﷲ، ހަލަވެލި / ޅ. ނައިފަރު (30އ)އެވެ.
ފުލުހުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަހުގީގަށް މި 2 މީހުން ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
މި 2 މީހުން ފުލުހަށް ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަދީފް މުހައްމަދު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށެވެ. އަދި މަހްމޫދު އަބްދުﷲ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ ހޯމަ ދުވަހުގެ 12:00 އަށެވެ.