އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޕްރެފަރެންޝަލް ވޯޓިން ނިޒާމަކުން އެއްބުރުން ވެރިޔަކު ހޮވުމަށް ސިޔާސީ ވާދަވެރިންގެ މެދުގައި ބަހުސް ކުރަމުންދާ މި ދަނޑިވަޅުގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، އިންތިހާބީ ނިޒާމަށް ބަދަލު ގެންނަންވާނީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިނުކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ބަލާފައި ކަމަށެވެ.
އެގޮތުން ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އްބުރުން ވެރިޔަކު ހޮވުމުގެ ސިޔާސަތަކީ އެއްވެސް ތާކުން ތާކު ނުޖެހޭ ސިޔާސަތެއް ކަމަށް ސިފަ ކުރައްވާ ފައްޔާޒް އިތުރަށް ވިދާޅުވީ ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، "ހަރަދު ކުޑަކުރުން" ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށެވެ.
މީގެ އިތުރުން ވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއްކަން ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ މި ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.
ނަމަވެސް، ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމުގައި ފައިދާތަކެއްވާކަން ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަސައްވުރުތައް އެއްގޮތްކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕްރެފަރެންޝަލް ވޯޓިން ނިޒާމު ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނަވާ ކަމެއް ކަމަށް، ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ އިބްރާހީމް އަބާން ރޭ ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު ސަރުކާރަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ވަނީ އެކަމަށް ތާއީދު ކޮށް 'އެކްސް'ގައި ޕޯސްޓުތަކެއް ކޮށްފައެވެ.
އަދި ހަމަ އެހެންމެ އެކަމަށް ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ހިޔާލު ފާޅު ކުރައްވާފައެވެ.
ޕްރެފަރެންޝަލް ނިޒާމެއްގައި ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓްކޮށްގެންނެވެ. އެއީ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަށް 'އެކެއް'، ދެވަނައަށް ކަމުދާ ކެންޑިޑޭޓަކަށް 'ދޭއް'، މިފަދަ ގޮތަކަށެވެ. ރާއްޖޭގައި މިހާރު ވޯޓުލާ ނިޒާމާ ހިލާފަށް، ވޯޓު ކަރުދާހުގައި ކެންޑިޑޭޓާ ދިމާލަށް އޮންނަ ގޮޅީގައި ޖަހާނީ ނަންބަރެވެ.
50 ޕަސެންޓަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް 'އެކެއް'ގެ ރޭންކު ދީފިނަމަ އެ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކުރީއެވެ. ނޫން ނަމަ ދެން އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓުންނަށް ބަލައި، މަދުން ވޯޓު ލިބުނު ކެންޑިޑޭޓުން އުނިކޮށް، އުނިކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުތަކުގައި ހިމެނޭ ދެން އޮތް ނަންބަރުގެ ވޯޓުތައް ގުނައި ކުރިން ލިބުނު ވޯޓުތަކަށް އެއްކުރަމުން ދާނީއެވެ.