ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުން ނުވަތަ ސިފައިންގެ ޕެރޭޑު މިއަދު ހަވީރު މާލޭގައި ބާއްވައިފިއެވެ.
ދިވެހި ސިފައިންގެ ބޮޑު ލަޝްކަރާއި ސިފައިގެންގެ ވެހިކަލްތައް މިއަދުގެ ޕެރޭޑުގައި ދައްކާލާފައިވާއިރު މި ޕެރޭޑު ބަލަން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުމައްޗަށް ނުކުމެފައެވެ. ސިފައިންގެ ސްޕެޝަލް ފޯސްގެ ސްނައިޕަރުންނަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މި ޕެރޭޑުން ދިވެހި ސިފައިންގެ ގާބިލިއްޔަތާއި އަސްކަރީ ގޮތުން ކުރިއަރާފައިވާ މިންވަރު ހާމަވެގެން ގޮސްފައިވެއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ޕެރޭޑުގައި މަލޭގެ ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެކަމަށެވެ. އަދި، ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕެރޭޑު ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ އިތުރުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނުއާއި، ސަރުކާރުގެ އެކި މިނިސްޓަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ޕެރޭޑު ބަންޑާރަކޮށިން ފަށާފައިވާއިރު ނިންމުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށި ސަރަހައްދަށެވެ.