ހުޅުމާލޭގައި ބިނާކުރާ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީއާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށްފަހު މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މީހުން ދިރިއުޅޭ ބޮޑެތި ބިލްޑިންގް ތަކާއި އެކިއެކި ކޮމާޝިއަލް އިމާރާތްތަކުގެ އިތުރުން ލަގްޒަރީ އިމާރާތްތަކުގައި ނަމާދު ކުރާނެ ކޮޓަރިއެއް ފަހިކޮށްދީފައި ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އިސްލާމީ ބޮޑެތި ގައުމުތައް ކަމަށްވާ މެލޭޝިއާ ފަދަ ގައުމުތަކުގައިވެސް ޝޮޕިން މޯލްތަކާއި ކޮމާޝިއަލް އޭރިއާތަކުގައި ވެސް ނަމާދު ކުރާނެ ވަކި ހާއްސަ ޖާގައެއް ހުންނަކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެފަދަ ޖާގައެއް ތަނަވަސްވެފައި ހުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
އެކަން ކުރަން ނިންމާފައިވަނީ އެޗްޑީސީގެ އެމްޑީ، މުހައްމަދު މައުރޫފް ޖަމީލްގެ އިސްނެންގެވުމުގެ މަތިން ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ހުޅުމާލޭގައި އަލަށް ބިނާ ކުރަމުންދާ ކުރަމުންދާ އިމާރާތްތަކުގެ ކައިރީގައި މިސްކިތް ނުހުންނަ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އޭގެ ސަބަބުން އާންމުންނަށް ވެސް ދަތިތަކެއް ދިމާވާ ކަމަށާއި ހާއްސަކޮށް ރަމްޟާން މަހަީ ހާއްސަ ގޮތެއްގައި ދަތިވާ މަހެއް ކަމަށް ވެއެވެ.
އަދި އިމާރާތްތަކުގައި ދިރިއުޅޭ ގޭގެއަށް ޒިޔާރާތް ކުރާ މީހުންނަށް ވެސް އެކަމުގެ ފައިދާ ވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ކުރުމުގެ ތައްޔާރީތައް ވަމުންދާކަން ފާހަގަކޮށް ޝަހީމް ވަނީ އެޗްޑީސީގެ އިސްވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.