ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި، ދެ ފަނޑިޔާރުން ސަސްޕެންޑްކުރުމަކީ އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރުން އަމާޒުކޮށްފައިވާ ސީދާ ހަމަލާއެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީން ސިފަކޮށްފިއެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، ޖޭއެސްސީން ދެ ފަނޑިޔާރުން ވެސް ސަސްޕެންޑްކުރަން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. މީގެ އިތުރުން އެ ދެ ފަނޑިޔާރުންނާ އެކު ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މާޗް މަހުގެ ކުރީކޮޅު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒްގެ އަޑުއެހުންތައް ޖޭއެސްސީން ވަނީ މިދިޔަ އާދީއްތަ ދުވަހު ނިންމާލައިފައެވެ. ދެ ފަނޑިޔާރުންގެ މައްޗަށް ޖޭއެސްސީން ތުހުމަތުކުރަނީ ޑރ. އަޒްމިރާލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށެވެ. ދެ ފަނޑިޔާރުން ވެސް މި ތުހުމަތުތަކަށް އިންކާރުކުރައްވާފައިވެއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަޒްމިރާލްދާ އާއި މަހާޒާއި ހުސްނުއްސުއޫދު ސަސްޕެންޑްކުރި ފަހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާ ގިނަ މައްސަލަތައް ކުރިޔަށް ނުގޮސް ހުއްޓިފައި އޮންނަތާ ދެ މަސް ފާއިތުވެއްޖެ ކަމަށާއި، އޭގެ ތެރެއިން ހުސްނުއްސުއޫދު އިސްތިއުފާދެއްވުމަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސީރިޔަސްކަން ހާމަވާ ކަމެއް ކަމަށެވެ.
ބަޔާނުގައި އެ ޕާޓީން ބުނީ، ސަރުކާރުން ސުޕްރީމް ކޯޓު 'ޕެރަލައިޒްކޮށްލީ' މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލުކުރުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި، ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލުވާނެކަން ކަށަވަރުވާނެތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. މިކަމަކީ ސަރުކާރުން ސުޕްރީމް ކޯޓުގެ ސިޔާސީ ކޮންޓްރޯލް ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް، މިއީ އަދުލު އިންސފުގެ ނިޒާމަށް އަމާޒުކުރި ސީދާ ހަމަލާއެއްގެ ގޮތުގައި އެމްޑީޕީން ސިފަކޮށްފައިވެއެވެ.
އަޒްމިރާލްދާ އާއި މަހާޒަށް ތުހުމަތުކޮށް ޖޭއެސްސީން ބެލި މައްސަލައިގައި އެއްވެސް އިންސާފުވެރިކަމެއް ނެތް ކަމަށާއި، އެގޮތުން ދެ ފަނޑިޔާރުންނަށް ދިފާއުވުމުގެ ހައްގެއް ޖޭއެސްސީން ނުދިން ކަމަށާއި، ފަނޑިޔާރުން ހުށަހެޅި ހެކި ބަލައިނުގަތުމުގެ އިތުރުން ވަކީލުންނަށް ފުރުސަތު ދީފައިނުވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.
"މިއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ވެސް ހިލާފަށް، އެ ފަނޑިޔާރުންނަށް ސީދާ ގޮތުން ކުރާ އަނިޔާއެކެވެ."
އެހެންކަމުން ދެ ފަނޑިޔާރުންނާ ދެކޮޅަށް ބަލަމުންދާ މައްސަލަ ހުއްޓާލުމަށް ފަހު ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި، ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިހްތިރާމްކުރުމަށް ސަރުކާރަށާއި ޖޭއެސްސީއަށް އެ ބަޔާނުގައި އެމްޑީޕީން ވަނީ ގޮވާލައިފައެވެ. އަދި މި މައްސަލައިގައި ސަރުކާރާއި ޖޭއެސްސީން އަމަލުކުރި ގޮތް ބަލައި އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް މަޖިލީހަށް ވެސް އެ ޕާޓީން ގޮވާލިއެވެ.