ރާއްޖޭގެ ސިޔާސީ ލީޑަރުންނާ، ރާއްޖޭގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ 'އެކްސް' ގައި ޕޯސްޓުކުރަމުން ދާ 'ހަސަން ކުރުސީ' އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތަކަށް އެ މަނިކުފާނު ރައްދު ދެއްވައިފިއެވެ.

ރާއްޖޭގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަށް އަމާޒުކޮށް 'ބޭއަދަބީ ބަސްތައް' ރައްދުކުރި މައްސަލަ އާއި ގުޅިގެން ޓުވިޓާގައި ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށާފައެވެ. އަދި އިންޑިއާއިން ރާއްޖެ ބޮއިކޮޓް ކުރުމަށް ބޮޑު ކެމްޕެއިނެއް ފަށާފައި ވާއިރު، ރާއްޖޭގެ ދިފާއުގައި، ހަސަން ކުރުސީގެ ފޭކު އެކައުންޓުން ވަނީ ގިނަ ޕޯސްޓްތަކެއް ކޮށްފައެވެ.

ރާއްޖޭގެ ދިފާއުގައި ހަސަން ކުރުސީ ކުރަމުން ދިޔަ ޕޯސްޓުތަކާއެކު، އިންޑިއާގެ އިންވެސްޓިގޭޓިވް ރިޕޯޓެއް ކަމަށްވާ ވިޖޭ ޕަޓޭލް ވަނީ އެ އެކައުންޓަކީ ޔޫކޭ ގައި ބޭނުން ކުރަމުންދާ އެކައުންޓެއް ކަމަށް ބުނެފައެވެ. އަދި އެއީ ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދުކަމަށް ތުހުމަތުކޮށް ވިޖޭ ޕަޓޭލް ވަނީ އޭނާއަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ އެންޖީއޯއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ބުނެފައެވެ. މީގެ އިތުރުން ވިޖޭ ޕަޓޭލް ވަނީ މީރާ އަކީ ހަސަން ކުރުސީކަމަށް ބުނެ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ވިޖޭ ޕަޓޭލްގެ މި ތުހުމަތުތަކާއެކު ރައީސް ނަޝީދު ވިދާޅުވީ ހަސަން ކުރުސީގެ އެކައުންޓަކީ އެމަނިކުފާނާ އަދި ދަރިކަނބަލުން މީރާ އާ އެއްވެސް ގުޅުމެއް އޮތް، އަދި އެއްވެސް ކޮންޓްރޯލެއް އޮތް އެކައުންޓެއް ނޫންކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އާއި ދެކޮޅަށް އެކި ފަރާތްތަކުން ދައްކަމުން ދާ ވާހަކައަކީ އެ މަނިކުފާނު ތާއިދުކުރައްވާ ވާހަކަތަކެއް ނޫންކަމަށެވެ. ހަސަން ކުރުސީ އަކީ މީރާކަމަށް ތުހުމަތުކޮށް އެކްސްގައި ބޮޑު ހަމަނުޖެހުމެއް ފެށިފައިވާއިރު، މީރާ ވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓްވެސް ޑީއެކްޓިވޭޓް ކޮށްފައެވެ.