އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ އަނބުރުކަތިލަން ވީޑިއޯއެއް އުފެއްދުމަކީ ނާތަހުޒީބު އަމަަލެއް ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ބަދުނާމުކޮށް ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބުނެ ވީޑިއޯއެއް އާންމުކޮށްފައި ވަނީ ހަސަން ކުރުސީގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ.
މި ވީޑިއޯ އާންމުކުރި ކުރުސީގެ އެކައުންޓުން ވަނީ އެއީ ފޭކު ވީޑިއޯއެއް ކަމަށާއި އެކަން ކުރެވުމުން ޝަހީމްގެ އިތުރުން އޭނާގެ އާއިލާގެ ކިބައިން މާފަށް އެދޭކަމަށް ބުނެ އެކްސްގައި ޕޯސްޓެއްކޮށްފައެވެ. ކުރުސީ ވަނީ މިކަމުން ޝަހީމް އަށާއި އޭނާގެ އާއިލާއަށް ކުރިމަތިވެދާނެ ގެއްލުމަކަށް ހިތާމަކުރާކަމަށާއި، ނުކުރާ ކަމެއްގެ އިލްޒާމު އެއްވެސް މީހެއްގެ ބޮލުގައި އެޅުވިގެން ނުވާނެ ކަމަށްވެސް ބުނެފައެވެ.
މިކަމާ ގުޅިގެން ޝާހިދު ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށެވެ. އަދި ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފްރަތުގައިޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ހަގީގަތާއި ހިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.
ޝަހީމްގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު އަމަލެއްކަން ސިފަކުރައްވާ ޝާހިދު ވިދާޅުވީ ހަމަ އެފަދައިން އެކި ފަރާތްތަކުގެ އަބުރުކަތިލުމަށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަންކަމެއް ނޫން ކަމަށެވެ. މިފަދަ އަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމައުގެ ފޭރާން ވީދާ ހަރާބު ކުރާއިރު އެކަމާއި ދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ނުބައި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.