ސްރީލަންކާގެ ރައީސް ޑިސަނަޔަކެއާ ދެކޮޅަށް ޖެހި އެއްވެސް ޓުވީޓަކާ ގުޅުމެއް ނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކާކު ކަން ނޭނގޭ ފަރާތަކުން ހިންގަމުން އަންނަ ކުރުސީ ނަމަކަށް ކިޔުނު އެކައުންޓަކުން ވަނީ ލަންކާގެ ކުރީގެ ރައީސް ވިކްރަމަސިންހަ ހައްޔަރުކޮށްފައިވަނީ ރައީސް އަނޫރާ ކުމާރު ޑިސަނަޔަކަ ފަހަތުގައި ހުންނަވައިގެން ކަމަށާއި، ޑިސަނަޔަކައަކީ ކޮރަޕްޓް ބޭފުޅެއް ކަމުގައި ބުނެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މި އެކައުންޓު ހިންގަނީ ނަޝީދު ކަމަށް އަނެއްކާވެސް ބުނަމުންދާކަމަށާއި، ނަމަވެސް އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ސްރީލަންކާ އަކީ ގާތް ގައުމެއް ކަމަށާއި، ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް އެ ގައުމަކީ ނަޝީދަށް ގާތް ގައުމެއް ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މިފަދަ ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާ ފިތުނަ އުފެއްދުމަށް މަސައްކަތް ނުކުރުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ފާހަގަކުރެވޭ ގޮތުގައި ކުރުސީ އެކައުންޓުގެ ހަގީގަތް ހޯދުމަށް މީގެ ކުރިން ނަޝީދު، ފުލުހަށް ވެސް މައްސަލައެއް ހުށަހަޅުއްވާފައިވެއެވެ. މި އެކައުންޓު ހިންގަނީ ނަޝީދު ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް އެކަމާ ދެކޮޅު ހައްދަވާފައެވެ.

މި އެކައުންޓު ހިންގާކަމަށް ނަޝީދުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކުގެ ބޭފުޅުންނާއި، ސިޔާސީ މީހުންނަށްވެސް އަންނަނީ ތުހުމަތުތައް ކުރަމުންނެވެ.

ލަންކާގެ އީ ނިއުސް ކިޔާ ހަބަރަކުންވެސް ވަނީ ކުރުސީގެ އެކައުންޓު ހިންގަނީ ނަޝީދު ކަމަށް ތުހުމަތު ކޮށް ރިޕޯޓުކޮށްފައެވެ. އެގޮތުން ކުރުސީ އެކައުންޓު ހިންގަނީ ރާއްޖޭގައި މީގެ ކުރިން ރައީސް ކަމާއި މަޖިލީހުގެ ރައީސް ކަމާއި އެމްޑީޕީގެ ރައީސްކަން ކުރައްވާފައިހުރި ބޭފުޅެއް ކަމަށް ގިނަ އަދަދެއްގެ ބަޔަކު ބުނާކަމަށް އެ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.