އެމެރިކާގެ ރައީސް ޑޯނާލްޑް ޓްރަމްޕްގެ ސަރުކާރުން އެ ގައުމުގެ ހަރަދުތައް 50 ޕަސެންޓް ކުޑަކުރުމަށް ބޭނުންވާ ކަމަށާއި، އެކަން އެގޮތަށް ކޮށްފިނަމަ އެމެރިކާގެ 27 އެމްބަސީތަކާއި ކޮންސިއުލޭޓުތައް ބަންދުކޮށް، ބޭރު ގައުމުތަކަށް އެ ގައުމުން ފޯރުކޮށްދޭ އެހީތެރިކަން ބޮޑު ތަނުން ކުޑަވެގެން ދާނެ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މިގޮތުން ތެރޭގައި ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ވެސް ހިމެނެއެވެ.

'ރޮއިޓާސް'ގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެމެރިކާގެ ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ހުށަހަޅައިފިނަމަ، އެ ގައުމުގެ ދައުލަތުގެ ބަޖެޓުން 30 ބިލިޔަނެއްހާ ޑޮލަރުގެ ހަރަދުތައް ކުޑަވެގެން ދާނެއެވެ.

އެމެރިކާ ސަރުކާރުގެ ބަޖެޓު އޮފީހުގެ އެތެރޭގެ ބައެއް ލިޔެކިއުންތަކާ ހަވާލާދީ 'ރޮއިޓާސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާ އިން އަމާޒު ހިފާފައި ހުރީ ޔޫއެސްއެއިޑް ބަންދުކޮށް އެ ޖަމިއްޔާގެ މަސައްކަތްތައް އެ ގައުމުގެ ސަރުކާރާ އެއްކޮށްލުމެވެ. އަދި އެމެރިކާގެ ސަރުކާރުގެ 'ސިޔާސަތުތަކާ ފުށޫއަރާ' ޕްރޮގްރާމްތައް ހުއްޓާލުމާ މެދު ވެސް އެމެރިކާ ސަރުކާރުން ވިސްނަމުންދާ ކަމަށް، ލިޔެކިއުންތަކާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

ރާއްޖޭގެ އެމްބަސީގެ އިތުރުން، އެމެރިކާ ސަރުކާރުގެ ބަޖެޓު އޮފީހުން ދެން ބަންދުކުރަން ހުށަހެޅީ އެރިޓްރިއާ އާއި ގްރެނާޑާ އާއި ލެސޯތޯ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކާއި ލަކްޒެމްބާގާއި ކޮންގޯ އާއި ގެމްބިއާ އާއި ދެކުނު ސޫދާނާއި މޯލްޓާގައި ހުންނަ އެމްބަސީތަކެވެ.

މީގެ އިތުރުން ވިލާތުގެ ބައެއް ގައުމުތަކާއި ދެކުނު ކޮރެއާ އާއި ދެކުނު އެފްރިކާ އާއި އިންޑޮނީޝިއާ އާއި ކެމަރޫން ހިމެނޭހެން އެމެރިކާގެ 17 ކޮންސިއުލޭޓެއް ބަންދުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ހުޅުމާލޭގެ އިމާރާތަކުން ތަނެއް ކުއްޔަށް ހިފައިގެން މިހާރު ހިންގަމުންދާ އެމެރިކާ އެމްބަސީއަށް ހުޅުމާލޭން ބިމެއް ހަމަޖައްސައިދީފައިވެއެވެ. ރާއްޖޭގައި އެމެރިކާ އިން އެމްބަސީއެއް ހުޅުވުމުގެ ކުރިން ރާއްޖޭގެ ކަންކަން އެމެރިކާއިން ބަލަހައްޓަމުން ދިޔައީ ސްރީލަންކާގައި ހުންނަ އެމްބަސީ މެދުވެރިކޮށެވެ.