ލ. މާވަށު ކައުންސިލުން ރަޖިސްޓްރީނުކޮށް ތެލުގެ ވިޔަފާރި ކޮށްފައިވާ ކަން އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުން ދައްކައިފިއެވެ.
ލ. މާވަށު ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް ރިޕޯޓުގައި ބުނާ ގޮތުގައި، އެ ރަށު ރައްޔިތުންނަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ޖެނުއަރީ 22، 2018ގެ ކައުންސިލް ބައްދަލުވުމުގައި ނިންމި ނިންމުމާ އެއްގޮތަށް 2020 ވަނަ އަހަރުގައި ޕެޓްރޯލް އަދި ޑީސަލް ވިއްކަން ވަނީ ފަށާފައެވެ. ނަމަވެސް ތެލުގެ ވިޔަފާރި ކުރުމާއި ލިޔެކިއުންތައް ބެލެހެއްޓުމުގައި ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.
އެ ގޮތުން ކައުންިސލުން މި ވިޔަފާރި ކުރަމުންދަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާ ހިލާފަށް ރަޖިސްޓްރީ ނުކޮށް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. ނަމަވެސް އެ ކައުންސިލުން ބުނެފައި ވަނީ ފިނޭނސް އިން ހުއްދަ ނަގާފައިވާ ކަަމށެވެ. އެކަން ބަލައި ދިރާސާ ކުރި އިރު އެ ބުނާ ހުއްދަ އަކީ 2020 ވަނަ އަހަރު ރިވައިޒް ބަޖެޓްގެ ތެރެއިން މިކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސެވޭނަމަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ހަރަދު ކުރުމަށް ދީފައިވާ ހުއްދައެއް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.
މި ވިޔަފާރީގެ ކަންކަމަށް ބަލާއިރު ތެލުގެ ބާކީގެ ގޮތުގައި ހުރި ކަމަށް ފޮތްތަކުން ދައްކާ އަދަދާއި ތާނގީތަކުގައި ހުރި ތެލުގެ އަދަދާ ދެމެދު ބޮޑު ފަރަގެއް ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ 15 ގައި ތެލުގެ ސްޓޮކް ބެލިއިރު، ފޮތްތަކުން ދައްކާ އަދަދަށް ވުރެ 17،169 ލީޓަރު ޑީސަލް އަދި 9،748 ލީޓަރު ޕެޓްރޯލް މަދުން ޓެންކުތަކުގައި ހުރި ކަަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. މި ތަފާތަކީ އެންމެ ފަހުން ތެޔޮ ގަނެފައިވާ ނިސްބަތަށް ބަލާއިރު 421،484 ރުފިޔާގެ ޕެޓްރޯލާއި ޑީސަލް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެއެވެ.
މީގެ އިތުރުން ތެޔޮ ފިހާރައިގައި ތެޔޮ ވިއްކުމާއި، ފައިސާ ބަލައިގަތުމާއި، ރިކޯޑު ކުރުމާއި، އަދި ކައުންސިލްގެ އިދާރާ އާއި ފައިސާ ހަވާލުކުރުމުގައި އުޅެނީ އެންމެ މުވައްޒަފެކެވެ. ކައުންސިލް އިދާރާއިން އެއްވެސް ގޮތަކަށް ތެޔޮ ބާކީ ކުރާ ފޮތުގައި ބާކީގެ ގޮތުގައި ހިމަނާފައި ހުންނަ އަދަދާއި ވިއްކާ ތެލުގެ އަދަދާއި ތެޔޮ ވިއްކުމަށްފަހު ލިބިފައިވާ ފައިސާތައް އަޅާކިޔައި ބާކީއިން ފދައްކާ އަދަދަކީ ސައްހަ އަދަދެއްތޯ ބަލައި ލިޔެކިޔުންތައް ރީކޮންސައިލްކޮށް ބަލަހައްޓަމުން ނުދާ ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
ތެޔޮ ވިޔަފާރީގެ މައްސަލައިގެ އިތުރުން އެ ރިޕޯޓުގައި ވަނީ، އެކައުންޓް ޓްރާންސްފާގެ ގޮތުގައި އެ ކައުންސިލްގެ އިދާރާއަށް 2023 ވަނަ އަހަރުގައި ލިބިފައިވާ 95،956 ރުފިޔާއަށް ވިޔަ މޮޑިއުލްއިން ރަސީދު ތައްޔާރުކޮށފްަިއވާ ނުވާ ކަން ވެސް ފާހަގަކޮށްފައެވެ. އަދި އެ ކައުންސިލްގެ އިދާރާގައި ބޭނުން ކުރާ 4 ބޭންކް އެކައުންޓްގެ ބާކީގެ ގޮތުގައި މާލީ އހަަރުގެ ނިޔަލަށް 9،506،608 ރުފިޔާ ހުރި ނަމަވެސް އެއްވެސް އެކައުންޓެއްގެ އެކައުންޓް ބާކީ އަދި ރިކޮންސިލިއޭޝަން ތައްޔާރުކޮށްފައި ނުވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.