ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަންދެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ މަސައްކަތް ނުކޮށް އޮތުމަށް ފަހު، އަދި އިސްލާހުގެ މަސައްކަތް ދެ ފަހަރެެއްގެ މަތިން ދަންމާލުމަށް ފަހު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ އިސްލާހަށް ބައެއް ބަދަލު ގެނެސް ފާސްކުރަން ނިންމައިފައެވެ.

އެގޮތުން ކޮމިޓީން ގެނައި މައިގަނޑު ބަދަލަކީ އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަންދެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށެވެ.

މީކާއީލް ހުށަހެޅުއްވި ބިލުގައި ޑުއަލް ޕާސްޕޯޓުގައި ވެސް އިޒްރޭލު ޕާސްޕޯޓު ބޭނުންކޮށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހަޅުއްވާފައިވެއެވެ. ނަމަވެސް ދެ ގައުމުގެ ޕާސްޕޯޓު އޮންނަ ފަރާތްތައް ކަށަވަރުކުރެވެން ނެތުމާއި ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމުގައި އިމިގްރޭޝަނުން ބަލާނީ ބިދޭސީން ހުށަހަޅާ ޕާސްޕޯޓަށް ވާތީ އިމިގްރޭޝަނުން ހުށަހެޅީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ގޮތަށް ހެދުމަށެވެ.

މިއަދު ވޯޓު ގަޑީގައި ބިލު ފާސްކުރަން ފެނޭތޯ ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 83 މެންބަރުން ވެސް ވޯޓު ދެއްވީ ކޮމިޓީން ގެނައި އިސްލާހާ އެއްގޮތަށް ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ވެސް ހިމެނެއެވެ.