ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި އަހަރުގެ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާން ކޮށްފިއެވެ.
މި ފުރުސަތު ހުޅުވާލާފައި ވަނީ 18 އަހަރުން ފެށިގެން 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ.
އެޗްޑީސީ އިން ބުނީ، އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުން ކަމަށެވެ. އެ ގޮތުން މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ހަތަރު ދާއިރާއެއް ކަމަށާއި އެއީ އެއްގަމު އުޅަނދުފަހަރުގެ މަރާމާތު، ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު، އަދި ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކްގެ ދާއިރާ ކަމަށް އެޗްޑީސީ އިން ބުނެއެވެ. މި ޕްރޮގްރާމް ގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެއެވެ.
6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށް އެޗްޑީސީން ބުނާއިރު، މި އަހަރުގެ ޕްރޮގްރާމްގައި 25 ބައިވެރިންނަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީގެ ހެޑް އޮޕް މާކެޓިންގް ޑިޕާޓްމަންޓް، ހަސަން ޝަހީދު ވިދާޅުވި ގޮތުގައި، 2016 އިން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކުން މިހާރު ވެސް އެޗްޑީސީ އާއި އެހެނިހެން ކުންފުނިތަކުގައި އެކި މަގާމުތަކުގައި ހިދުމަތްކުރަމުން ގެންދެއެވެ. ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މި ޕްރޮގްރާމްގެ ތެރެއިން ގިނަ ޒުވާނުން ތަމްރީނުކުރެވި، މަސައްކަތުގެ މާހައުލަށް ނެރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް އެޗްޑީސީން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ކޯޕަރޭޝަނުން ހުޅުވާލާ މިފަދަ ތަމްރީން ޕްރޮގްރާމްތަކަށް ބޮޑު ތަރުހީބެއް ލިބިގެންދާ ކަން ފާހަގަކޮށްލެވެއެވެ.