އައްޑޫ ގަން އެއާޕޯޓް މަޝްރޫއަށް ހުސް ކުރަން ޖެހޭ އިމާރާތުގެ ބަދަލުގައި އެހެން ބިިމެއް ނުވަތަ އިމާރާތެއް ދޭން ހުށަހެޅުމުން ވެސް އީކުއޭޓާ ވިލެޖު ހިންގާ ކުންފުނިން އެކަމަށް އެއްބަސްވެފައި ނުވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ)އިން ބުނެފިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އިކުއޭޓާ ވިލޭޖަށް ދޫކޮށްފައިވާ ބިމެއް ވަންނާތީ، އެ ބިން ހުސްނުކުރުމުގެ ސަބަބުން މަޝްރޫއު ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މި މައްސަލައިގައި އީކުއޭޓާ ވިލެޖް ހިންގަމުން އަންނަ ކައިމޫ ޓްރެވެލްސް އެން ހޮޓެލްސް ސާވިސް އާއި އޭއައިއޭއާ ދެމެދު ހިޔާލު ތަފާތުވެފައިވާ މި ދަނޑިވަޅުގައި އެ ކުންފުނިން މިއަދު ނެރުނު 6 ސޮފްހާގެ ދިގު ބަޔާނުގައި ބުނީ، އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާސްގެ ގޮތުގައި ބޭނުން ކުރާ އިމާރާތްތަކާއި، ގުދަންތަކުގެ ގޮތުގައި ބޭނުން ކުރާ އިމާރާތާއި އެސަރަހައްދުގެ ބިމަކީ ކުރިން އައްޑޫ އޮތޮޅު ގަން ބަލަހައްޓާ ޔުނިޓުން އީކުއޭޓާ ވިލެޖުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިމާއި އިމާރާތްތަކެއް ކަމަށެވެ.
އަދި އެކުންފުންޏާއި، އީކުއެޓާ ވިލެން ހިނގާ ކުންފުނި، ގޭން އިންވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މި އިމާރާތްތަކާއި ބިން ކުއްޔަށް ދިނުމުގެ މަޝްވަރާ ކުރިއަށް ގެންދިޔަ ކަަމަށް އޭއައިއޭއިން ބުނެފައި ވެއެވެ.
އަދި ގޭން އިންވެސްޓްމެންޓް އިން އެދުނު ގޮތަށް އައު އެގްރީމެންޓްގައި ސޮއިކުރުން ފަސްކޮށްފައިވަނިކޮށް، ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ޓޫރިޒަމް ބިންތަކުން ނަގާ ކުއްޔަކީ ބިމު ކުއްޔަށް ބަދަލުކޮށް ޓޫރިޒަމްގެ ބިންތައް ލޭންޑް ސާވޭ އޮތޯރިޓީން ނޮވެމްބަރު 2013 ގައި ކުރި ސާވޭގައި އީކުއޭޓާ ވިލެޖުން ބޭނުން ކުރަމުންދިޔަ ކުރިން ދެންނެވި ލޭބާ ކުއާޓާސްގެ އިމާރާތްތަކާއި ބިންތަކަކީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ގޮތުގައި ދައްކައި، އެބިންތައް ވަނީ ސާވޭ ރިޕޯޓްގައި ހިމަނާފައި ކަމަށެވެ.
މީގެ އިތުރުން ވެސް މި ލޭބާ ކުއާޓާސް އާއި އެތަނާއި ގުޅޭ ބިންތަކުގެ ކުއްޔަކީ އޭއައިއޭއަށް ދައްކަން ޖެހޭ ކުއްޔެއް ނޫން ކަމަށް ހަމަޖައްސައި، އެކުއްޔަކީ އީކުއޭޓާ ވިލެޖުގެ ލީސް އެގްރީމެންޓުގެ ދަށުން ދައުލަތަށް ކުލި ދައްކަން ޖެހޭ ޓޫރިޒަމް ބިމުގެ ގޮތުގައި ހިމަނައި، ޓޫރިޒަމް މިނިސްޓްރީގައި 4 ޑިސެމްބަރު 2013 ގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ނަމަވެސް އީކުއޭޓާ ވިލެޖު ހޮޓެލް ކުއްޔަށް ދިނުމަށް ޓޫރިޒަމާއެކު ކޮށްފައިވާ އެގްރީމެންޓްގައި ނުހިމެނޭ ބިމެއް 2013 ވަނަ އަހަރު އެ އެގްރީމެންޓުގެ ބައެއްގެ ގޮތުގައި ހިމަނައި ރަޖިސްޓްރީކޮށްފައިވާ ކަމީ އޭއައިއޭއިން ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ކުންފުންޏަށް ލިބެންޖެހޭ އާމްދަނީގެ ބޮޑު ބައެއް އެތާރީހުން ފެށިގެން ނުލިބޭ ކަމަށް ބުނެފައި ވެއެވެ.
އަދި އެކަން އެގޮތަށް ހިނގާފައިވާކަން އެނގުނު ހިސާބުން ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް އެކަމަށް ގެނެސް، އެކަމަށް ހައްލެއް ހޯދުމަށް ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށާއި އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާސް ހުސްކުރުމުގެ މަސައްކަތުގެ މަޝްވަރާތައް ކުރުމަށް 9 ޖުލައި 2024 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓޫރިޒަމްގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެކުންފުންޏާއި އެކު ބައްދަލުވުމުގައި ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާސް ހުރި ބިން އީކުއޭޓާ ވިލެޖް ހޮޓެލް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމެންޓުގައި ހިމެނޭތޯ މިނިސްޓްރީ އޮފް ފިނޭންސް އާއި ސުވާލު ކުރުމުން އެ މިނިސްޓްރީން ވިދާޅުވެފައިވަނީ އީކުއޭޓާ ވިލެޖް ހޮޓެލް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމެންޓުގައި ހިމެނިފައިވަނީ "ހަމައެކަނި ހޮޓެލްގެ ޓޫރިސްޓް ކޮޓަރިތައް ހުރި" ސަރަހައްދުގެ ބިން އެކަނި ކަމުގައި ކަމަށެވެ.
އޭއައިއޭއިން ބުނީ، މިހާރު ކުރިއަށްދާ އެއާޕޯޓް މަޝްރޫއުގެ ދަށުން ގަމުގެ މަގުތައް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތަށް ލޭބާ ކުއާޓާސް ހުސްކޮށް ދިނުމަށާއި، އެގޮތުން ހުސްކުރަން ޖެހެނީ މުޅި ސަރަހައްދު ނޫން ކަމަށާއި މަގު ކުރިއަށްދާ ސަރަހައްދުގައި ހުރި ކޮޓަރިތައް ކަމަށާއި ހުސް ކުރަން ޖެހޭ ކޮންމެ ކޮޓަރިއެއްގެ ބަދަލުގައި އެސަރަހައްދު ކައިރިން ކޮޓަރި ހަމަޖައްސައި ދޭނެ ކަމަށާއި އަދި އެ ސަރަހައްދުގެ މެދުން މަގު ހެދުނު ކަމުގައި ވިއަސް ދެފަރާތަށް ވެދެ ނިކުތުމަށް ދަތި ނުވާނެ ގޮތަށް އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާިއ ބިމުން މަގުވާ ބަޔަށް ބިން އިތުރު ކޮށްދޭނެކަން އޭއައިއޭއިން 22 މޭއި 2023 ގައި ގޭން އިންްވެސްޓް ކުންފުނީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އެފަރާތަށް ހުށަހެޅި ކަމަށެވެ.
އެކަން އެގޮތަށް ކުރި ނަމަވެސް އިއްޔެ ކައިމޫއިން ނެރުނު ބަޔާނުގައި ބުނާ ބަދިގެއާއި، ސްޓާފް މެސް، ރިސޯޓް ލޯންޑްރީ، ގަރާޖް، ސްޓާފް ރެކްރިއޭޝަން އޭރިއާ އާއި ސްކްއަޝް ރޫމަކީ މި މަގާއި ގުޅިގެން ހުސްކުރަން ޖެހޭ ބިމުގައި ހުރި ބައިތަކެއް ނޫންކަމަށް ވެއެވެ.
އަދި އިތުރު ބިމެއް ނުވަތަ އިމާރާތެއް ދީގެން ވެސް އެތަން ހުސްކުރަން އެއްބަސްވެފައި ނުވާ ކަމަށް އޭއައިއޭއިން ވަނީ ބުނެފައެވެ.
މިހާރު މައްސަލަ ދިމާވެގެން އުޅޭ އިމާރާތް ހުރި ބިމަކީ އެ ކުންފުނީގެ ހަރުމުދަލެއް ކަމުންނާއި އެ އެތަނުގެ މުއާމަލާތް ހިންގާފައިވާ ގޮތުގައި މައްސަލަތަކެއް އުޅޭތީ އެކަމުގައި ގާނޫނޫ ލަފާ ހޯދުމަށް ފަހު، ޝަރީއަތް މެދުވެރިކޮށް ބިމުގެ މައްސަލަ ހައްލު ކުރުމާ މެދު ގޮތެއް ނިންމަން ކުންފުނީގެ މެނޭޖްމަންޓުން ބޯޑަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މި މައްސަލައިގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވަނީ އެ ކަމާ ގުޅޭ ގޮތުން މި މަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމެއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކުރާނެ ކަމަށެވެ. ސަބަބަކީ، ގަން އެއާޕޯޓުގެ ކޮންޓްރެކްޓަރު އިންޑިއާގެ ރެނާޓާސް ކުންފުންޏަށް ސަރުކާރުން ބަދަލު ދޭން ޖެހިދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެެހެން ޕްރޮޖެކްޓެއްގެ ތެރެއިން ސަރުކާރުން އެ މަގު ހަދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ މަގުގެ މަސައްކަތް މަޝްރޫއުއިން އުނިކުރަން ނިންމުމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރާއި އައްޑޫ ހިތަދޫ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގުގެ އިތުރުން ވެސް ބައެއް އާންމުން ގެންދަނީ އެކަމަ ނުރުހުން ފާޅު ކުރަމުންނެވެ.