ވިލާ ކުންފުނީގެ ވެރިޔާ، ގާސިމް އިބްރާހިމްގެ ހިލޭ އެހީގައި އދ. މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މާމިގިލީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
ވިލާ ފައުންޑޭޝަންގެފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއެވެ.
މި މަރުކަޒުގައި އޮފީސް އިމާރާތާއި، ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމެއް ވެސް ހިމެނެއެވެ. މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައެވެ.
އަމިއްލަ ހަރަދުގައި މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އަޅުއްވަން ގާސިމް އެދިފައި ވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. ޝުޖާއު އަށް އެޑްރެސް ކުރައްވާ ގާސިމް އޭރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އދ. އަތޮޅުގެ ކްރައިމް ރޭޓް އެންމެ ގިނަ ރަށަކަށް މާމިގިލި ވެފައިވާތީ، ފުލުހުންގެ ހިދުމަތް ދިނުމަށް ރީޖަން ފެންވަރުގެ ސްޓޭޝަނެއް މާމިގިލީގައި ހުންނަންޖެހޭ ކަމަށެވެ.
އެހެންކަމުން ސީޕީ ހުއްދަ ދެއްވައިފިނަމަ މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސަޝިޕްގެ ދަށުން އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި، އިމާރާތްކުރުމަށް ބޭނުންވާ ކުރެހުމާއި، އިމާރާތް ހެދުމަށް ސްޕޮންސްޝިޕް ގަބޫލުކުރިކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ވެސް ގާސިމް އެދިވަޑައިގެންނެވިއެވެ.