ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މިދިޔަ ފެބްރުވަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 23:35 ހާއިރު ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރުސްތުމް އިބްރާހިމް، ހީނާމާގެ، ގދ. ފިޔޯރީ (25އ) އަދި ސައިފްﷲ ފައިސަލް، ފިނިފެންމާގެ، ބ. ގޮއިދޫ (19އ)އެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލަ މިއަދު ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން ބަލައިގެންފައިވާއިރު، އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން އަމުރުކޮށްފައެވެ.