ރާއްޖެއަށް ގޭސް އެތެރެ ކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް ފުލުހުން ވަނީ މި މައްސަލަ ބަލަމުން އަންނަ ކަން ކަށަވަރުކޮށް ދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން މި މައްސަލަ ބަލަމުން އަންނަ އިރު، މޯލްޑިވްސް ގޭހުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުން ވާހަކަ ފެންމަތިވބެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ، ފައިސާ ދެއްކި ނަމަވެސް ރާއްޖެއަށް އެ ގޭސް ލިބިފައި ނުވާ ކަމަށެވެ. އަދި މިފަދަ ކަންކަން ހިނގަމުންދާތީ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެހެނިހެން ސިޔާސަތުތައް ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި މިދިޔަ އޮކްޓޯބަރު މަހު ބަދަލު ކޮށްފައިވާ ކަމަށާއި، މި ބަދަލު ގެނައި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އެއާއެކު ނާޒިމް ވިދާޅުވީ ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކުރީ މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.
މި މައްސަލަ ފުލުހުން ބަލަމުން އަންނަ އިރު އޭސީސީން ވެސް އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި މައްސަލައާ ގުލޭ ގޮތުން އޭސީސީން އަދި ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި މައްސަލަ އާ ގުޅިގެން މިހާރު ގޭސް ގަތުމުގެ ހުރިހާ ބާރެއް ވަނީ އެސްޓޯއީގެ ދަށަށް ބަދަލުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މޯލްޑިވް ގޭހަކީ މީގެ ކުރިންވެސް ކޮރަޕްޝަންގެ އެކި މައްސަލަތައް ފެންމަތިވެފައިވާ ކުންފުންޏެކެވެ. އެގޮތުން މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 ރުފިޔާ ނަގާފައިވާ މައްސަލައެއް ބެލުމަށްފަހު މާނުގެ މައްޗަށް 7 ދައުވާއެއް ކޮށްދިނުމަށް އޭސީސީން ވެސް އެދިފައިވެއެވެ. ނަމަވެސް އެ ތުހުމަތުތައް އޭރު އޭނާ ވަނީ ދޮގުކޮށްފައެވެ.
މާނުގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވިއިރު 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު މާނު ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ފުރިއިރު ވެސް ބޮޑެތި ތުހުމަތުތަކަކާ އެކު މައްސަލަތަކެއް އޮތީ އޭސީސީއަށް ހުށަހަޅައިފައެވެ.