ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ މިހާރު ހޯދާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޖީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވީ އިރު، ވަޒީފާ ދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށެވެ. އޭރު ގަވައިދުން ފީތައް ދައްކަމުން ދިޔައީ 22.72 ޕަސެންޓް މީހުން ކަމަށް މަޖީދު ވިދާޅުވިއެވެ.
ބިދޭސީންގެ ފީގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ބިދޭސީންގެ ފީތަކަށް ވާ ފައިސާ ދައްކަންޖެހޭ މީހުންގެ ތެރެއިން، ޖުމްލަ 55.4 ޕަސެންޓް މީހުން މިހާރު އަންނަނީ ގަވާއިދުން ފީ ދައްކަމުން ކަަމަށް މަޖީދު ވިދާޅުވިއެވެ. އަދި މިހާތަނަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަން ފާހަގަ ކުރައްވަމުން މަޖީދު ވިދާޅުވީ މިއީ ވަރަށް ބޮޑު ކާމީޔާބީއެއް ކަމަށެވެ. އަދި 900 މިލިއަނެއްހާ ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ސަރުކާރުން އާންމުކުރި މައުލޫމާތުތަކަށް ބާލާއިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. މި މައްސަލަ ހައްލުކޮށް، ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، ގަވާއިދުން ފީ ނުދައްކާ މީހުންގެ ނަން ސަރުކާރުން ވަނީ އާންމުކޮށްފައެވެ. ބޮޑެތި އަދަދުތަކުން ބިދޭސީންގެ ފީ ނުދައްކާ މީހުންނަށް ސަރުކާރުން ވަނީ އެ ފައިސާ ދައްކައި ހަލާސްކުރުމަށް އަހަރު ދުވަހުގެ މުއްދަތެއް ދީފައެވެ.