އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއި ތަހުގީގެއް ހިންގައި ދިނުމަށް އެދި ފުލުހަށް ހުށަހެޅި މައްސަލަ ނުބެލުމަށް އެ އިދާރާއިން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އެ މައްސަލަ ފުލުހަށް ހުށަހެޅީ އޭނާއާއި ގުޅޭ ގޮތުން ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށެވެ. މިދިޔަ އާދިއްތަ ދުވަހު ހުށަހެޅި އެ މައްސަލައާއި ގުޅިގެން އަޒްމިރާލްދާގެ ވަކީލު އެދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އަޒްމިރާލްދާގެ މައްޗަށް ޖިނާއި ތަހުގީގެއް ހިންގަން އޭސީސީން ފަށާފައި ނުވަނިސް، ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އަދި އެއީ ދޮގު ހެކި ދިނުން ކަމަށާއި އެ މައްސަލައިގެ އިތުރުން އަޒްމިރާލްދާ އަށް ނުފޫޒު ފޯރުވި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުގައި އެދިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އަޒްމިރަލްދާގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް މިއަދު ފުލުހުން ދިން ޖަވާބުގެ ތަފްސީލާއެކު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަތައް ނުބެލުމަށް އެ އިދާރާއިން ނިންމާފައިވާ ކަން އަނގާފައިވާ ކަމަށެވެ.
އެގޮތުން ޝާމިލާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ބުނެފައިވަނީ، އޭސީސީން ހުށަހެޅި ސިޓީއާ މެދު ޖޭއެސްސީން ވަޒަންކޮށް އެއާމެދު ގޮތެއް ނިންމުމުން ނޫނީ، އެއީ ޖިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށެވެ. އެހެންވެ މައްސަލަ ތަހުގީގު ނުކުރަން ނިންމި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ ނުފޫޒު ފޯރުވި މައްސަލައާއި ގުޅޭ ގޮތުން ބުނެފައިވަނީ، އެ މައްސަލައިގައި ބުނެފައިވާ ގޮތަށް ކަންކަން ހުރި ކަމަށް ބެލެވޭނެ އަދި އެ ކަންކަމާ ގުޅޭ ޖިނާއީ ކުށުގެ އަމަލެއް ހިންގައިފައިވާ ކަމަށް ބަލަންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ނެތް ކަމަށް ބުނެ އެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށް ވެއެވެ.
އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރަނީ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަމަށެވެ. އަޒްމިރަލްދާ މި ތުހުމަތުތަކަށް އިންކާރުކުރައްވައެވެ.
އަޒްމިރަލްދާގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައިވާ ގޮތުން، ޖޭއެސްސީގެ ތަހްގީގު ކޮމިޓީއަށް ކްރިމިނަލް ކޯޓުގެ ގާޒީން ދެއްވި ބަޔާންތަކުގައި ފަނޑިޔާރު އަޒްމިރަލްދާ އާ ގުޅުވައި އެއްގޮތަކަށް ވެސް ވިދާޅުވެފައިނުވާ ވާހަކަތައް ގާޒީއަކު ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީގެ ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެއެވެ.
އަދި ކޮމިޓީގެ ތަހްގީގަށް ލިބިފައިވާ ބަޔާންތަކާ ހަވާލާދީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވުމަކީ ޖޭއެސްސީގެ ގާނޫނުގައިވާ އުސޫލުތަކާ ހިލާފު ކަމެއްކަމުގައި އަޒްމިރަލްދާގެ ވަކީލުންގެ ބަޔާނުގައިވެއެވެ.
މީ ވަރަށް ކަޑަ މީހެކޯ އަސްލު! ސަންނަ ވެސް އެހެން ބުނި ކަމަށް ވަނީ!