ގާޒާގެ އުތުރާއި ދެކުނު ވަކިކޮށްލަން ހެދި މަގު ފަދައިން އަދި މިސްރާއި ގާޒާ ގުޅޭ އިން ބަންދު ކުރި ފަދައިން ރަފާ އާއި ގާޒާ ވަކިކޮށްލުމަށް އިޒްރޭލު ސިފައިން އެތަން ވަށާލައިފިއެވެ.
ގާޒާގެ އެންމެ ބޮޑު އެއް ސިޓީ ރަފާ، ވަށާލައިގެން ބަރުހަތިޔާރާއެކު އިޒްރޭލު ސިފައިން އެތުރިގެން ތިބި އިރު، ރަފާގައި ތިބި މީހުން ވަޒަން ދޫކޮށް ދަންޏާ ދާން ނުދާނަމަ އިޒްރޭލުގެ ހަމަލާތަކާ ކުރިމަތިލާން ވަނީ މަޖުބޫރު ކުރުވާފައެވެ. ހަމަ އެގޮތަށް ގާޒާގެ އެހެން ސަރަހައްދުތަކުން ރަފާ އަށް މީހަކު ވަންނަ ނަމަ އެމީހެއްގެ ގަޔަށް ވެސް ދަނީ ބަޑިޖަހަމުންނެވެ.
ރަފާ އަކީ އެންމެ ބޮޑު ސިޓީ ކަމަށް ވާއިރު އެތަން ހުސްކޮށްލައިފި ނަމަ އެތައްހާސް ރައްޔިތަކު މަގުމަތިވާނެއެވެ. މިހާރުވެސް ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުން ދަނީ ވަގުތީ ޓެންޓްތަކުގައި ކަމަށް ވާއިރު އެފުރުސަތުވެސް ގެއްލިގެން ދާނެއެވެ.
އިޒްރޭލުގެ އުދުވާން ވަރުގަދަ ކޮށް މުޅި ގާޒާ އެކީއެކަށް ގޮއްވާ ސުންނާފަތި ކުރުމުގެ ނުރައްކާ އޮޕަރޭޝަންގައި ރަފާގެ އިތުރުން ދެއިރް އަލް ބަލާހް ގެ 5 އަވަށަކުންވެސް މީހުން ފައިބަން ވަނީ އިންޒާރު ދީފައެވެ. ދެއިރް އަލް ބަލާހް އަކީ ރަފާ ފިޔަވައި ދެން އެންމެ ގިނަ ބަޔަކު މިވަގުތު ދިރިއުޅެމުން ދާ ސަރަހައްދެވެ.
އެމެރިކާގެ ފުރިހަމަ މަދަދާއެކު އިޒްރޭލުން މިހާރު ހިންގަމުން ގެންދާ ޖަރީމާތަކަކީ ހަމާސް އާއި އިޒްރޭލު ސުލްހަވުމުގެ ކުރިން ހިންގި ޖަރީމާތަކަށް ވުރެވެސް ނުރައްކާތެރި ޖަރީމާތަކެކެވެ. ގާޒާގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އާންމުންގެ އިތުރުން ހާލުގައި ޖެހިފައި ތިބި އާންމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް މިހާރު ދަނީ ހަމަލާ ދެމުންނެވެ. މަގުމަތިން އެމްބުޝް ކުރަމުންނެވެ. އެމްބުޝް ކުރުމަކީ، ހިނގާ ބިނގާވެ އުޅޭ ނުވަތަ އެކިއެކި ސަވާރީތަކުގައި ދަތުރު ކުރާ މީހުންނަށް އަމާޒުކޮށް ފިލާތިބެ ހަމަލާދީ ނުވަތަ ކުއްލިއަކަށް ނުކުމެ ހަމަލާދިނުމެވެ.
ހިނގަމުން މިދާ ހަފްތާގައި އިޒްރޭލުން ހިންގި މިފަދަ ޖަރީމާއެއްގައި ފަލަސްތީނު ރެޑް ކުރެސެންޓާއި ފަރާ ބްރިގޭޑަށް ނިސްބަތްވާ 15 އޮފިޝަލަކު މަގުމަތިން ހުއްޓުވައި ބަޑީޖަހާ ވަނީ ޝަހީދު ކޮށްލާފައެވެ. މިހަމަލާ ކުށްވެރިކޮށް އެ ޖަމާއަތްތަކުން ވާހަކަ ދައްކަން ފެށުމުން އިޒްރޭލުން ފުރަތަމަ ބުނީ، ހަމަލާ ދިނީ އެމީހުން ސިއްރިއްޔާތުގައި ދަތުރު ކުރަމުން ދިޔުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެމީހުންގެ ދަތުރާ ގުޅޭ ވީޑިއޯތައް އާންމު ވެ، އެ ވީޑިއޯތަކުގައި ވެހިކަލްތައް ދަތުރު ކުރީ ސައިރަންވެސް ޖައްސައިގެން އަދި ހެޑްލައިޓްވެސް ދިއްލައިގެންކަން ހާމަ ވުމުން، އިޒްރޭލުން ބުނީ، ހަމަލާ ދެވުނީ އޮޅިގެން ކަމަށެވެ. އާންމު ވި ވީޑިއޯގައި އެ ވެހިކަލްތައް މަގުމަތިން ހުއްޓުވައި އެއިން މީހުން ބާލައި އެމީހުންގެ ގަޔަށް ބަޑިޖަހާކަން އެނގެއެވެ.
އިޒްރޭލުގެ މި ނުބައި ޖަރީމާތައް ހުއްޓުވުމުގައި މެދުއިރުމަތީގެ ގައުމުތަކާއި ހުޅަނގު އަދި އދ އިން ނުކުޅެދިފައި ވާ އިރު، އަމިއްލަ ވަޒަނާއި ޖާނުގެ ދިފާއުގައި ހަމާސް އިން ދަނީ އެމީހުންނަށް ވީވަރެއް ކުރަމުންނެވެ. އެގޮތުން އަލް ގަސަމް ބްރިގޭޑުން ރޭ ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތައް އިޒްރޭލުން ވަޒަންވެރިވެގެން ތިބޭ އެއް ސަހަރައްދު ކަމަށްވާ އަޝްކެލޯން އަށް އަމާޒުވެފައި ވާ ކަމަށް އަލްޖަޒީރާގައި ވަނީ ރިޕޯޓު ކޮށްފައެވެ. މި ހަމަލާތަކުގައި މީހަކު މަރުވި ކަމެއް ނުވަތަ ޒަހަމްވި ކަމެއް އަދި ސާފެއް ނޫނެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށިފަހުން ޝަހީދު ކޮށްލި މީހުންގެ އަދަދު މިހާރު ވަނީ 50،659 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 115،338 އަށް ވުރެ ވަނީ މަތިވެފައެވެ.