އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދުގެ މައްސަަލައިގައި އެ ފަނޑިޔާރުންގެ މައްޗަށް ކުރާ ތުހުމަތުތައް ހާމަ ކުރެވެން ނެތް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'މިހާރު' ނޫހުން ހުށަހެޅި މައްސަލަ ޖަވާބު ދެމުންނެވެ. އަދި އެ މައުލޫމާތު ހިއްސާ ކުރެވެން ނެތީ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.

ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ފަށަން ތައްޔާރުވެފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ.

މި ފަނޑިޔާރުންގެ މައްސަލަ އޭސީސީން ބަލަމުން އަންނަ އިރު ޖޭއެސްސީން ވެސް އަންނަނީ ފަނޑިޔާރުންގެ މައްސަލަ ބަލަމުންނެވެ.

އަދި މި ތިން ފަނޑިޔާރުންނާ ގުޅިގެން ޖޭއެސްސީން ބަލަމުން އަންނަ މައްސަލަ ވަނީ އެ ފަނީޑޔާރުންގެ ފަރާތުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރަށާއި ވިލާތުގެ އިއްތިހާދަށާއި ކޮމަންވެލްތަށް ހުށަހަޅުއްވާފައެވެ.