ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލުކޯށްލާ ފަދަ މަޝްރޫއުތަކެއް ތަންފިޒު ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ތަރައްގީ އާއި ސުލްހަ ގާއިމު ކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައެވެ. އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ވެސް ހިއްސާކުރައްވާފައިވާ މި މެސެޖުގައި، އެއްބައިވަންތަ ކަމާއި ބާރުވެރި ކުރުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައި ދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕަވަން ގަސްދުކުރައްވާކަން ހާމަކުރައްވާފައި ވެއެވެ.

ތަރައްގީ އާއި ސުލްހަ ގާއިމު ކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ލެވެލިން ދަ ޕްލެއިން ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން" އެވެ. މި ޝިއާރުގައި އިޝާރާތް ކުރާ އިޖުތިމާއީ ބައިވެރިވުމަކީ، ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ލިބުމުގައި، މީހާގެ އުމުރަކަށް، ނަސްލަކަށް، މިންތިއަކަށް ބެލުމެއް ނެތި، ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށް ދިނުމުގައި ސަރުކާރުން ދެކޭ ތަސައްވުރާ އެއް ޝިއާރެއްކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލުކޮށް މަޝްރޫއތަކާ ގުލޭ ގޮތުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން، ޖޯގްރަފީގެ ގޮތުން ފެތުރިފައިވާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެގެންދާނޭ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރުކުރަން ބާރު ލިބި، އިޖުތިމާއީ ގުޅުންތައް ވެސް ހަރުދަނާ ވުމަށް، މިކަމުން މަގުފަހިވެގެންދާނޭ ކަމަށެވެ.

ކުޅިވަރު ތަރައްގީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދުރު ރާސްތާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައިސް ވިދާޅުވީ، 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުސަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައި ވިޔަސް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ކުޅިވަރުކުޅުމަށް ހަމަހަމަ ކަމާއެކު ފުރުސަތު ފަހިކޮށްދީގެން، އިޖުތިމާއީ ފޭރާންވެސް ރަނގަޅު ކުރެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން އެއްބައިވަންތަކޮށް، އިޖުތިމާއީ ތަފާތުތައް ނައްތާލައި، ބައިވެރިވުން އިތުރުކުރުމުގެ ލާސާނީ ގާބިލުކަމެއް ކުޅިވަރަށް ލިބިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ މެސެޖުގައި ވަނީ، ކުޅިވަރު މެދުވެރިކޮށް ގައުމީ ތަރައްގީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.