މިދިޔަ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލާއެކު ރަހުނުކޮށްފައި ހުރި ތަންތަން ސުކޫކް ދައްކައި ސަލާމަތްކޮށްފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އަދި އތމ ކޮމިޓީގެ އިންތިހާބުގައި، އއ. ރަސްދޫއާއި އެ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި، ރަސްދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މިސަރުކާރުން ދައްކާ ހަލާސްކޮށްފައިވާ ސުކޫކް އަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގަބޫލުކުރަން ބޭނުން ނުވިޔަސް، ލިޔެކިޔުންތަކުންނާއި، ސުކޫކްގެ ޕޭމަންޓް ލިބުނު ފަރާތްތަކަށް ގުޅާލެއްވިޔަސް، ސުކޫކް ދައްކާ ނިމިފައިވާކަން ޔަގީންވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މިސަރުކާރުން އެންމެ އިސްކަމެއް ދިނީ ގައުމު ޑީފޯލްޓް ނުވެ މިދިޔަ ސަރުކާރާ، އޭގެ ކުރީ ސަރުކާރުން ފެށިގެން އައި 500 އެތައް މިލިއަން ޑޮލަރެއްގެ ސުކޫކް ދެއްކުމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދިނީ ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް މި ދަރަނި ދެއްކުމަށް އިތުރު ލޯނެއް ނުނަގައި އިގްތިސާދުގައި ހުރި އަމިއްލަ ހަކަތައިން އެކަން ކުރުމަށް ކަމަށާއި، މިކަމަށް އަމަލީ ސިފައެއް ގެނެވިފަވާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން މިދިޔަ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައި އެޅުވިފަދަ އެއްވެސް ދަރަންޏެއް ނާޅުވާ، ސުކޫކްގެ ދަރަނި ފުރިހަމައަށް ދައްކާ ނިންމުނު ކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ ސުކޫކް ދެއްކިއިރު، ސުކޫކްގެ މުގާބިލުގައި ރަހުނުކޮށްފައި ހުރި ހަރުމުދާތައްވެސް މިހާރު ސަލާމަތް ކުރެވިފައި ވާކަމަށެވެ. ރަހުނުކޮށްފައި ހުރި މުދާތަކުގެތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތާއި، އިސްކަންދަރު ސްކޫލްގެ ބިމާއި، އައިޖީއެމްއެޗް ބިމާއި، ފިނޭންސް މިނިސްޓްރީ ބިން ހިމެނޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސުކޫކް ދައްކައި މިތަންތަން ސަލާމަތްކޮށްފައި ވާކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހީންގެ ހަރުމުދާ ރަހުނުކޮށް އެތަންތަން ގެއްލިގެން ގޮސްދާނެފަދަ ގޮތަކަށް މިދިޔަ ސަރުކާރުން ރިސްކް ނެންގެވިކަމަށެވެ. އަދި މިއަދާހަމައަށްވެސް މަސައްކަތްކުރެވުނީ މިފަދަ ނުރައްކާތެރި ހާލަތެއްގައި އޮތް އިގުތިސާދެއް ރަނގަޅުމަގުން ގެންދިއުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ސުކޫކާއެކު، ގައުމުގެ އެތެރޭގައި، ކުދި އަދި މެދުފަންތީގެ އިތުރުން އެތަކެއް ވިޔަފާރިތަކަށް ދައްކަންޖެހޭ ދަރަނި ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ހުރިހާ ދަރަންޏެއް ދެއްކުމުގައިވެސް އަމާޒަކީ ދަރަންޏެއް ޑީފޯލްޓް ނުވެ ގައުމު ސަލާމަތް ކުރުން ކަމަށެވެ. ދަރަނި ދައްކަމުން ދާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ހުރަހެއް ނޭޅި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
