ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. ރަސްދޫ އަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ރާއްޖޭގެ ރަށަކަށް ރައީސް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްދޫ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނާ އެކު އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވަނީ ވަޑައިގެންފައެވެ.

ރައީސް ރަސްދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި

މައުލޫމާތު ލިބޭ ގޮތުގައި މިއީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ރަސްދޫ އާއި އެ ދާއިރާ އިން ޕީއެންސީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އާއްމުކޮށްފައިވާ ދާއިމީ ނަތީޖާއިން ދައްކާގޮތުން ރަސްދޫ ކައުންސިލްގެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ.

ނަތީޖާއަށް ބަލާއިރު، ރަސްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ވަހީދަށް ވަނީ 364 ވޯޓު ލިބިފައެވެ. ކައުންސިލް މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ވަޖީހެވެ. ކައުންސިލްގެ އަންހެނުންގެ ހާއްސަ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު ޒީނިޔާ އަބްދުލްސައްތާރެވެ.

ވޭތުވެދިޔަ 18 އަހަރު ރަސްދޫގެ ކައުންސިލް ކަމަށް ހޮވިފައި ވަނީ އެމްޑީޕީ ކެންޑިޑޭޓުންނެވެ.