ގައުމު ހިންގަން ބޭނުންވެވަޑައިގަންނަވަނީ އިދިކޮޅު އެމްޑީޕީން ދައްކައިދޭ އަހްލާގީ މިންގަނޑާ އެއްގޮތަށް ނޫން ކަމަށާއި މިހާރު އެމްޑީޕީން ކުރާ މުޒާހަރާތަކުގައި ފެންނަމުންދަނީ މަގުމަތި ހަލަބޮލިކޮށް ހަޑިހުތުރު ބަސްތައް ބޭނުން ކުރަމުންދާ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ރަސްދޫ އިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެރަށުގައި ބޭއްވި ހަރަކާތުގައި ވާހަފުޅު ދައްކަވަމުން ރައީސް ވަނީ އިންތިހާބުގަައި އެމްޑީޕީން ވާދަކޮށް ކާމިޔާބު ހޯދި ކެންޑިޑޭޓުންނަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބުވެފައި ތިބި ކެންޑިޑޭޓުންގެ ތެރެއިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން މާލޭގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންދާ ދިއުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ކެންޑިޑޭޓުންގެ ފަރާތުން ފެންނަނީ މަގުމަތި ހަލަބޮލިކޮށް ހަޑިހުތުރު ބަސްތައް ބޭނުން ކުރަމުންދާ މަންޒަރު ކަމަށެވެ. ދީނީ މިންގަނޑުން ބޭރުން އަހްލާގީ ފެންވަރުގެ ވެސް ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިންތިހާބުވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ރައްޔިތުން ވޯޓާއެކު ހޮވާފައި ތިބި ކެންޑިޑޭޓުން ކަމަށާއި ނަމަވެސް ރައްޔިތުން ވޯޓު ދިނީ އެގޮތަށް ކަން ކުރުމަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން އެ ކެންޑިޑޭޓުންނަށް ވޯޓު ދިނީ ކައުންސިލާ ހަވާލުވާ ދުވަހު އެ ފަރާތްތަކުން ޒިންމާދާރު މަސައްކަތްތަކެއް ކުރާނެ ކަމުގެ އުންމީދުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަގާމުތަކަށް ހޮވުމަށް ރައްޔިތުން ވޯޓު ދީފައިވާނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ނިކުންނަ އިރު ރަނގަޅު އަހްލާގީ ފެންވަރެއް ފެންނާނެ ކަމަށް ކަމަށާއި ނަމަވެސް ފެނިގެން މި ދަނީ އަބަދުވެސް އިދިކޮޅު ފިކުރުގެ ފަރާތުން ފެންނަ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ފަޜާތްތަކުން ކުރިއަށް ގެންދާ މުޒާހަރާތްތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އެ ފަރާތްތަކުން ދީނެއް، ގައުމެއް އަދި މިއްލަތެއް ވެސް އިސް ނުކުރާ ކަމަށެވެ. އެހެންކަމުން ހަމަވިސްނޭ ރައްޔިތުންނާއި، ދީން ދެކެ ލޯބިވާ އަދި އަދިުލް އިންސާފަށް ލޯބިކުރާ ރައްޔިތުން ވިސްނަން ޖެހޭ ކަމަށާއި އިސް ކުރަން ޖެހެނީ ގައުމު ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމު އިސް ކުރުމުގެ މާނައަކީ ދަރިންގެ މުސްތަގްބަލަށްޓަކައި ގައުމު ވާރުތަކޮށްދޭން ޖެހޭނީ މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކުގެ މަތީގައި ހިންގާ ގައުމަކަށް ހެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމު އިސް ކުރަން ޖެހެނީ ފަރުދީ ގޮތުންނާއި ރަށްރަށުގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން ކާމިޔާބުވި އިދިކޮޅު ކެންޑިޑޭޓުންގެ ފަރާތުން ވެސް ފެންނަން ޖެހޭނީ ގައުމު އިސްކުރުމުގެ ބަދަލުގައި އަމިއްލަ ސިޔާސީ އެޖެންޑާ އިސްކުރުން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމު އިސް ކުރުމުގެ މާނައަކީ އިހްލާސްތެރިކަމާއެކީގައި ހަގީގަތުގައި ވެސް ގައުމު އިސްކުރުން ކަމަށާއި ކޮންމެ ސިޔާސީ ފިކުރަކުން އައި ކަމުގައި ވީ ނަމަވެސް އެމީހާ ހޮވޭ ހިސާބުން އޭނާއަކީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ޖެހޭ މީހެއް ކަމުން އިސްކުރަން ޖެހޭނީ އެތަނެއްގެ މަސްލަހަތު ކަމަށް ރައީސް ވިދާޅުވިއެވެ.

ޕާޓީއެއް ގައުމުގެ މަސްލަހަތާ ނުވަތަ ދީނާ ހިލާފަށް ދާ ނަމަ އިސްކުރަން ޖެހޭނީ ޕާޓީގެ ފިކުރު ނޫން ކަމަށާއި އެހިސާބަށް ގޮއްސިއްޔާ ޖެހޭނީ ޕާޓީ ދޫކޮށްލަން ކަމަށް ރައީސް ވިދާޅުވިއެވެ. މި އިންތިހާބުގެ ނަތީޖާއިން އެނގިގެން ގޮސްފައި ވަނީ ރައްޔިތުންގެ ތެރެއިން ގިނ ބަޔަކު އިސްކޮށްފައި ވަނީ ގައުމާއި ދީން ކަމަށް ރައީސް ވިދާޅުވިއެވެ. މި އިންތިހާބުން ޕީއެންސީއަށް މެޖޯރިޓީ ލިބިގެން ގޮސްފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެމަނިކުފާނުގެ ހިތުގެ އެންމެ ފުން މިނުން ޝުކުރު ދަންނަވާފައެވެ.