ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ފުލުހުން ނަމޫނާ ދެއްކުމަކީ ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާންޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. އެގޮތުން ރައީސް ވަނީ ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުން ދަނީ ގާނޫނު ތަންފީޒުކުރުމަށް ކަމަށާއި ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމުގައި ފާހަގަކުރައްވާފައެވެ.
ފުލުހުންގެ ހިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ މުއާމަލާތް ކުރުމުގައި އަހުލާގީ ރީތި ހަމަތައް ހިފަހައްޓަން ޖެހޭ ކަމަށާއި. ކުށްކުރުން ހުއްޓުވުމުގެ އިތުރުން ކުށަށް އަރައިގަތުމާ މުޖްތަމައު ދުރުހެލި ކުރުމަކީވެސް ފުލުހުންގެ ވާޖިބު ކަމަށެވެ. އަދި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި. ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދިނުމަކީވެސް ފުލުހުންގެ ޒިންމާއެއް ކަމުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ފުލުހުން އަބަދުވެ ދެމިތިބެން ޖެހޭނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް ހެޔޮ މަގު ދައްކުވައިދިނުމަށް ކަމަށެވެ. ގައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ގާބިލް އެތައް ކުދިންނެއް ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރަމުންދާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެއާއެކު ރައީސް ވަނީ ތަފާތު އެކި ހުނަރުތަކާ ތައުލީމު ލިބިފައިވާ ދިވެހީން އެންމެ ގިނަ އެއް ދާއިރާއަށް ފުލުހުންގެ ހިދުމަތް މިއަދު ވެފައިވުމަކީ އުފާވާން ޖެހޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ.
ރައީސް ވަނީ އިސްލާމް ދީނަށް ވަފާތެރިވެ ގައުމަށް ހިދުމަތްކުރުމަށާއި، ކޮންމެ ރައްޔިތަކާމެދު އޯގާތެރިވުމަށް ހުރިހާ ފުލުހުންނަށް އިލްތިމާސް ކުރައްވާފައެވެ.