މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިންހެލުމާއެކު ބެންކޮކްގެ ބައެއް އުސް އިމާރާތްތައް ބިމާހަމަވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.
އެގޮތުން އާންމުކޮށް ދިވެހިން ގޮސްއުޅޭ ސަރަހައްދުތަކުގައި ހުރި އިމާރާތްތައް ވެސް ވެއްޓިފައި ވާއިރު އަނިޔާވި ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
މިއަދު މިޔަންމާއަށް އައި 7.7 މެގްނެޓިއުޑްގެ ބިންހެލުމާއެކު ހަދަމުންދިޔަ 30 ބުރީގެ ސްކައިކްރޭޕާ އިމާރާތެއް ވެސް ވަނީ ބިމާހަމަވެފައެވެ. އަދި ގިނަ މަގުތަކެއްގައި އަޅާފައިވާ ތާރު ކަނޑައިގެންގޮސްފައި ވާއިރު އެ ގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.
ބިންހެލުމާއެކު މިޔަންމާގެ މަންޑަލޭ އިންޓަނޭޝަނަލް އެއާޕޯޓްއަށް ވެސް ގެއްލުންވެ، ދަތުރުތަކަށް ވަނީ ބުރޫއަރާފައެވެ.
މިޔަންމާއަށް މިއަދު އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވަނީ ބުނެފައެވެ. މިޔަންމާގެ ބިންހެލުން އައި ސަރަހައްދާއި މާލެއާ ދެމެދު ހުރި ދުރުމިނަކީ 3121 ކިލޯމީޓަރު ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން ހެނދުނު 11:32 ހާއިރުއެވެ.
މެޓް އޮފީހުން ބުނީ މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށެވެ. އަދި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ނެރުނު ބަޔާނުގައި ފޮރިން މިިނިސްޓްރީއިން ބުނީ މިހާތަނަށް ބެލިބެލުމުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލުރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ކާރިސާއާ ގުޅިގެން އެ ގައުމުން ކުއްލި ހާލަތު އިއުލާނު ކޮށްފައިވުމާއެކު، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ސަމާލުވެ އެއާ އެއްގޮތަށް އަމަލު ކުރުމަށް ފޮރިން މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.