ބަރާކާތްތެރިި ރަމަޟާން މަހެއް އަނެއްކާވެސް އަޅުގަނޑުމެންނާ އަލްވަދާއު ކިއުމަށް ތައްޔާރުވަމުންދާ އިރު މި މާތް މަސްދަރުގެ ތެރޭގައި އަޅުގަނޑުމެންގެ އަޅުކަމުގެ އާދަތަކަށް ހެޔޮ ބަދަލުތަކެއް އައިސްފިކަން ޔަގީނެވެ. މިސްކިތުގައ ޖަމާއަތުގައި ކުރާ ނަމާދުތައް އިތުރުކޮށް ގުރުއާން ކިޔަވާ ހެދުމުގައި ވަގުތު ހޭދަކުރި އިރު މާތް ﷲގެ މަގުގައި ސަދަގާތްކޮށް ބޭކަރު ކަންކަމުގައި މައުސޫލުވެ ނޫޅެ އެކަލާނގެއަށް ހަމްދުކޮށް ޒިކުރު ކުރަން އިނދެވުނު ވަގުތު މިފަހަރު ވެސް އިތުރު ކުރެވުނުތާއެވެ.

ހިތާމައަކީ މި މާތް މަސްދަރުގައި ސަވާބާ ދަރުމަ ހޯދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތައް ފިތުރު އީދު ނަމާދަށް ފަހު މަޑު ޖައްސާލާކަމެވެ. ނަމާދު ކުރުމުގައި ފަރުވާ ކުޑަކޮށް ޖަމާއަތަށް ކީއްކުރަންތޯ ގޭގައި ވެސް ނަމާދު ކުރަން ބަހަނާ ދެއްކުމެވެ. ރޯދަމަހެއްގެ ކޮންމެ ދުވަހަކު ލޯތްބާއިއެކު ކިޔަމުން ދިޔަ މުސްހަފް އަނެއްކާވެސް އަލަމާރީގެ އެންމެ ކަނުގައި ހިރަފުސް ބޯވަންދެން ބާއްވާފައި އޮންނަން ދޫކޮށްލެވެނީއެވެ. ފޯނުގައި އޮންނަ ގުރުއާން އެޕް އަދި ޒިކުރު އެޕް އެދަނީ "ޑީޕް ސްލީޕް" އަކަށެވެ. ސަދަގާތް ކުރަން ހިތަށް ވެސް ނާންނަނީއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ތާއަބަދު މަސައްކަތް ކުރެވެނީ ދުނިޔެވީ މުދާ އެއްކުރުމުގައެވެ. އެހެން ނަމަވެސް އެމުދަލުގައި ބަރަކާތް ލައްވާނީ މާތް ﷲގެ މަގުގައި ސަދަގާތްކޮށްގެން ކަން ވިސްނެނީ މަދު ބަޔަކަށެވެ.

އަޅުކަން ކުރަމުން އައި މިންވަރު މުޅި އަހަރަށް ދެމެހެއްޓޭނީ ހިތްވަރެއްކޮށްގެންނެވެ. އެއަށް އެހީވާނެ ކަންކަން ބަޔާންކޮށްލަމެވެ.

ސުންނަތް ނަމާދުތައް ކުރުން

ރޯދަމަހުގެ ތެރޭގައި ތަރާވީހް ނަމާދާ ދަމު ނަމާދު ފަދަ ސުންނަތް ނަމާދުތައް އަދާކުރުމަށް މިސްކިތްތަކުގެ ސަފުތައް ފުރާލި މަންޒަރު ފެނިގެން ދިޔައެވެ. ފިރިހެނުންގެ ބަޔާ އަންހެނުންގެ ބައިގައި ވެސް ޖާގަ ހުސްވާ ތަން ވެސް ފެނިގެން ދިޔައެވެ. ފަރުޟު ފަސް ނަމާދު އެންމެ ފުރިހަމަކޮށް ގާއިމުކުރާ މީހާ ދެން ދާން އޮތް ހަރުފަތަކީ ސުންނަތް ނަމާދުތައް އޭނގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ. ރަވާތިބް ސުންނަތްތަކާ ޟުހާ ނަމާދު ކުރަން އާދަކުރުމެވެ.

ރޭގަނޑު ކުރާ ދަމު ނަމާދުގެ ތަވާބާ ދަރުމަ ގިނަ ގުނަ/ފޮޓޯ: ގޫގަލް

ރަމަޟާން މަހުގައި ނޫނަސް ދަމު ނަމާދު ކުރުމަކީ އެތަށް ފައިދާއެއް ހުރި ކަމެކެވެ. ދަމު ނަމާދަކީ މާތް ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމަ ވެސް އެންމެ ކުރަން ލޯބިފުޅުވި ސުންނަތް ނަމާދެވެ. ދަތުރުމަތީގައި ކަމުގައި ވިއަސް އާލާކަންފުޅާ އުޅުއްވިއަސް އެކަލޭނގެފާނު ދަމު ނަމާދު ދޫކޮށް ނުލައްވާ ކަމަށް ރިވާވެގެންވެއެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި އެހެން މީހުން ގަދަ ނިދީގައި ތިއްބާ އެނިދި ދޫކޮށް މާތް ﷲ އަށް ކުއްތަންވެ އަޅުކަން ކުރާ މީހުންނާ މެދު އެކަލޭނގެފާނު ހާދީޘްކުރެއްވިއެވެ.

"ފަރުޟު ފަސް ނަމާދަށް ފަހު ދެން ކުރަން އެންމެ ރަނގަޅު ނަމާދަކީ ރޭގަނޑުގެ ވަގުތުގައި ކުރާ ނަމާދެވެ"

އެކަލޭނގެފާނުގެ އިތުރު ހަދީޘެއްގައި ވާ ގޮތުން ދަމު ނަމާދަކީ ތިބާކޮށްފައިވާ ފާފަތައް ތާ އަބަދަށް ފޮހެވިގެންދާނެ ފަދަ ހަތިޔާރެކެވެ.

ޝައްވާލު މަހުގެ 6 ރޯދައާ ހޯމަ އަދި ބުރާސްފަތީގެ ރޯދަ

ރަމަޟާން މަހަށް ފަހު ދެން އަންނަ ޝައްވާލު މަހުގެ ތެރޭގައި ހިފާ ހަ ރޯދަ އޭނގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ އާދަ އަނެއްކާވެސް ދިވެހިންގެ ތެރެއިން ވަނީ ފެންނަން ފަށާފައެވެ. އެ ހަ ރޯދައިގެ މުހިއްމުކަން އެނގުމުން އެކަން ނުކޮށް ދޫކޮށްލާނެ ބަޔަކު ނޫޅޭނެވެއެވެ. މިގޮތުުން، ޝައްވާލު މަހުގެ 6 ރޯދަ ހިފައިގެން މުޅި އަހަރު ދުވަހު ރޯދަ ހިފުމާ އެއްވަރަށް ސަވާބު ލިބޭނެ ކަމުގެ ހެޔޮ ހަބަރު އެއްކައުވަންތަ ރަސްކަލާނގެވަނީ އުއްމަތަށް ދެއްވާފައެވެ.

އާއިލާއެއްގެ މެންބަރުން ކަދުރު ކަނީ

ފަރުޟު ރޯދަ އެންމެ ފުރިހަމަގޮތުގައި ހިފާ އަޅުތަން މިކަމުގައި ދެން ދާންވީ ހަރުފަތަކީ ހޯމަ ދުވަހާ ބުރާސްފަތި ދުވަހުގެ ސުންނަތް ރޯދަތައް ހިފުމެވެ. އެއީ މާތް ރަސޫލާ ވެސް ސުންނަތް ރޯދަތައް ހިއްޕެވި ދުވަސްތަކެވެ. އެކަލޭނގެފާނު ހަދީޘް ކުރެއްވިއެވެ.

"އެމީހަކު ކުޅަ ހެޔޮ އަމަލުތައް ހުށަހެޅޭ ދުވަސްތަކަކީ ހޯމަ އަދި ބުރާސްފަތި ދުވަހެވެ. ތިމަން ކަލޭނގެފާނު ކުޅަ ހެޔޮ އަމަލުތައް ހުށަހަޅުއްވަން ބޭނުންވެވަޑއިގަންނަވަނީ ރޯދައަށް ހުންނަވާއެވެ"

ދުވާލަކު ގުރުއާނުން ސަފުހާއެއް ނަމަވެސް ކިޔާލުން

ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާއްވާލެވުނު މަސް ކަމަށް ވުމާއެކު އެމަހުގެ ތެރޭގައި ގުރުއާން ކިޔެވުުން އިތުރު ކުރުމަކީ އަޅުކަން ފުރިހަމަވާ ކަމަކެވެ. މި ނިމެންދާ ރޯދަމަހުގެ ތެރޭގައި ޤުރުއާނުގެ ތިރީސް ފޮތް ނިންމާލި ކިއުންތެރިން ތީގެ ތެރޭގައި ގިނަވާނެއެވެ. އެއް ހަތީމް ކީއްކުރަންތޯއެވެ. ދެ ހަތީމް އަދި ތިން ހަތީމްކުރި ކިއުންތެރިންވެސް ތިއްބަވާނެވެ.

މީހަކު ގުރުއާން ކިޔަވަނީ / ފޮޓޯ: އަފްޒަލް ސޯފީ، އަލްޖަޒީރާ

ތިރީސް ދުވަހުގެ ކުރިން ތިރީސް ފޮތް ނިންމާލެވޭނީ ހިތްވަރަކާ ކެތްތެރިކަމެއް ލެވިގެން ނޫންތޯއެވެ. އެ ހިތްވަރާ ކެތްތެރިކަމުން ޒަރެއްގެ މިންވަރެއް އަހަރުގެ ބާކީ އޮތް ބައިގައި ވެސް ބޭނުންކޮށްލައިގެން ދުވާލަކު ޤުރުއާނުން ސަފްހާއެއް ކިޔާލެވޭނެއެވެ. އޭރުން ހަމަގައިމު ވެސް އަންނަ އަހަރުގެ ރޯދަ މަހަށް މުސްހަފުން ހިރަފުސް ފޮޅާލާ އަލުން ހުޅުވާލާ ކޮށިކޮށިކޮށް ކިއުމުގެ ބަދަލުގައި ދޫ ފަރިތަކަމާއެކު ކިޔާލެވޭނެ ކަން ޔަގީނެވެ.

ސަދާގާތް ކުރުން ހުއްޓާނުލުން

މާތް ﷲ ދެއްވާ މުދަލުން ސަދަގާތް ކުރުމަކީ އެކަލާނގެ އެންމެ ރުއްސުން ލެއްވި އަޅުކަންތަކުގެ ތެރެއިން އަޅުކަމެވެ. އެކަމަށްޓަކައި ގުރުއާނުގައި ވެސް އަދި ކީރިތި ރަސޫލާގެ ސުންނަތުގައި ވެސް ބާރުއަޅާފައިވެއެވެ. އެކައުންޓްގައި 100 ރުފިޔާ އޮތް ނަމަ 50 ރުފިޔާއިން ވެސް ސަދާގާތް ކުރަން އިސްލާމް ދީނު ބާރު އަޅާ އިރު ސަދަގާތްކޮށްގެން ތިބާގެ މުއްސަނދިކަން ގެއްލިގެންދާނެ ކަމަށް ހީކުރުމަކީ ޝައިތާނާގެ ވަސްވާހެއް ކަން ބަގަރާ ސޫރަތުގެ 268 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވައެވެ.

ٱلشَّيْطَـٰنُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ ۖ وَٱللَّهُ يَعِدُكُم مَّغْفِرَةًۭ مِّنْهُ وَفَضْلًۭا ۗ وَٱللَّهُ وَٰسِعٌ عَلِيمٌۭ

މާނައީ: ފަގީރުވެދާނެ ކަމުގެ ބިރުން ތިޔަ ބައިމީހުންނަށް ޝައިތާނާ ބިރު ދައްކައެވެ. އަދި އެ ޝައިތާނާ ތިޔަބައި މީހުންނަށް ނުބައި ކަންތައްތަކަށް އަމުރުކުރަތެއެވެ. ﷲ ތިޔަބައިމީހުންނަށް ވައުދު ކުރައްވަނީ އެކަލޭނގެ ހަޟްރަތުން ތިޔަ ބައިމީހުންނަށް ފާފަ ފުއްސެވުމަށާއި ފަޟުލުވަންތަ ކަމަށެވެ. ﷲ އީ ތަނަވަސްވަންތަ މޮޅަށް ދެނިވޮޑިގަންނަވާ ރަސްކަލާނގެއެވެ.

ސަދަގާތަކީ އެމީހަކަށް ވީ ވަރަކުން ކުރަން އޮންނަ އެއްޗެކެވެ. ތިބާގެ މުދަލުގެ އިތުރުން ވަގުތާ މަސައްކަތުން ވެސް ސަދަގާތެއް ކުރެވިދާނެއެވެ. މިގޮޮތުން، މުދަލުން ނޫން ގޮތަށް ސަދަގާތް ކުރެވޭނެ އެއް ގޮތަކީ މީހަކަށް މުހާތަބްކޮށް ހެޔޮ ބަހެއް ބުނެލުމެވެ.

ގަހެއް އިންދުމަކީ ވެސް ސަދަގާތުގެ އަމަލެއް/ފޮޓޯ:ގޫގަލް

ނޫން ނަމަ މަގުގައި ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް އޮންނަ ގާގަނޑެއް އެއް ފަރާތްކޮށްލުމަކީި ވެސް ސަދަގާތުގެ އަމަލެކެވެ. މުހިއްމީ ކޮންމެ ސިފައެއްގައި ވެސް އެފަދަ އަމަލުތައް އާދައަކަށް ހެދުމެވެ.

ރަމަޟާން މަހު ކުރަމުން އައި އަޅުކަންތައް އިތުރަށް ފުރިހަމަކޮށް އެކަން ތިބާގެ ކަށީގައި ހިފާ ފަދަ އާދަތަކަށް ހެދުމަށް މަސައްކަތް ކުރެވޭނެ އެހެން ގޮތްތައް ވެސް ހުންނާނެއެވެ. އުއްމީދަކީ އެފަދަ ގޮތްތައް ހޯދައިގެން އަޅުގަނޑުމެން އެންމެނަކީ ވެސް އީމާންތެރިކަން ވަރުގަދަކުރަން ގަދަ އަޅާ މަސައްކަތް ކުރާ ބައަކަށް ވުމެވެ. އަދި ކުރާ ކޮންމެ އަޅުކަމެއް އޭނގެ އެންމެ ފުރިހަމަ ގޮތުގައި ކޮށް ދެން ފަހަރަކުން އެއަށްވުރެ އިތުރަށް އަޅުކަން ކުރުމެވެ.

މަރު އައިސް ގެންދާނެ ވަގުތެއް ނޭނގޭނެއެވެ. ތިބާ ކުރާ އެންމެ ފަހު އަޅުކަމަކީ މި ދުނިޔެ މަތީ ތިބާ މާތް ﷲގެ ހައްގުގައި ކުރާ އެންމެ ފަހު އަޅު ކަމަށް ވެސް ވެދާނެއެވެ.