ފ. އަތޮޅުގެ އެންމެ ދެކުނަށް އޮންނަ، ނިލަންދޫ އަކީ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އެ އަތޮޅުގެ އެންމެ ބޮޑު ރަށެވެ. 1999 ވަނަ އަހަރުން ފެށިގެން އެ އަތޮޅުގެ ވެރިކަން ކުރަމުން އަންނަ ނިލަންދޫއަކީ ތާރީހީ ގޮތުން ދިވެހި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށްރަށުގެ ތެރެއިން ރަށެކެވެ. އާސާރީ މިސްކިތެއްގެ އިތުރުން ވެވަކާއި އާސާރީ ބޮޑު ސަރަހއްދެއް އެ ރަށުގައި ހުރެއެވެ.

އެގޮތުން އިހު ޒަމާނުގައި ނިލަންދޫގައި ބުޑިސްޓް މޮނާސްޓްރީއެއް ހުރި ސަރަހައްދަކީ އެ ރަށުގެ އާސާރީ ސަރަހައްދުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ތަނެވެ. "ފޯއްމަތި" ގެ ނަމުން މަޝްހޫރުވެފައިވާ އެތަނަކީ ބުޑިސްޓް މޮނާސްޓްރީ ހުރި އުސްފަސްގަނޑެވެ. އެއީ އެ ދުވަސްވަރުގެ ބިނާތައް ހަދާފައި ހުރިތަން ކަމަށް ބުނާ ސަރަހއްދެވެ. އެ ރަށުގެ ދުވަސްވީ މީހުން ބުނާ ގޮތުގައި އެ އުސްފަސްގަނޑު މީގެ ކުރިން އުސްމިނުގައި 30 ފޫޓް ހުރި ނަމަވެސް އެތަނުން ގަލާއި ވެލި ނެގުމުގެ ސަބަބުން މިހާރު ވަނީ ވަރަށް ބޮޑަށް ތިރި ވެފައެވެ.

އިހު ޒަމާނުގައި ބުދިސްޓް މޮނާސްޓްރީ ހުރި ސަރަހައްދުގައި ހުރި އުސްފަސްގަނޑު 'ފޯއްމަތި'

ނިލަންދޫ "ފޯއްމަތި" ސަރަހައްދު ކޮނެ ބެލުމުގެ މަސައްކަތް ކޮށްފައި ވަނީ ފެބްރުއަރީ 8، 1983 ގައި ނޯވޭގެ އާކިއޮލޮޖިސްޓް ތޯހައިދާލާއި އޭނާގެ ޓީމުންނެވެ. އެތަން ކޮނެ ބެލުމަށް 4 ދުވަސް ހޭދަކޮށްފައި ވާއިރު، އެއީ އިހު ޒަމާނުގައި ބުޑިސްޓު ދީނީ ބިނާތަކެއް ހުރި ތަނެއް ކަމުގައި ބުނެއެވެ. އެތަނުން އިންސާނުންގެ ކލަށިތަކެއް ވެސް ފެނިފައިވާ އިރު، މީލާދީން 540 އާއި 670 އާއި ދެމެދުގެ އަހަރު ތަކުގެ ތެރޭގައި މީހުން އުޅުނު ތަނެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެތަނުން ފެނިފައިވާ ތަކެތިން އެނގުނު ގޮތުގައި އެ ރަށަކީ ބޭރުގެ ވިޔަފާރި ނައުފަހަރު ދަތުރުކޮށް އައިސް މަޑުކޮށްލާ ރަށެއް ކަމަށްވެސް އެނގިފައި ވެއެވެ. އަދި އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ. ނިލަންދޫގެ އާސާރީ ސަރަހައްދުން ފެނިފައިވާ މުހިންމު ބައެއް ތަކެތި ރާއްޖޭގެ ދާރުލްއާސާރުގައި ވެސް ބަހައްޓާފައި އެބަ ހުއްޓެވެ.

ނިލަންދޫގެ އާސާރީ މިސްކިތުގެ އެތެރެ

ނިލަންންދޫގެ އާސާރީ ސަރަހައްދަކީ ވަރަށްބޮޑު ސަރަހައްދެކެވެ. އެ ސަރަހައްދުގެ ބޮޑު މިނުގައި 110,732.74 އަކަ ފޫޓު ހުރި އިރު އެ ސަރައްހަދުގެ ވަށާ ފާރު ވަނީ ރާނާފައެވެ. ފައްޅިގެ ރަށެއްގެ ގޮތުގައި ފަތްތޫރައިގެ 54 ވަނަ އަދަދުގައި ވެސް ބަޔާންކޮށްފައިވާ އެ ރަށުގައި އާސާރީ މިސްކިތް ހުރި ސަރަހައްދަކީ ބުދަށް އަޅުކަން ކުރި ޒަމާނުގައި ފައްޅިއެއް ހުރި ތަން ކަމަށް ވެސް ބުނެފައި ވެއެވެ.

ނިލަންދޫގައި ހުރި އާސާރީ މިސްކިތަކީ ދިވެހި ރާއްޖޭގެ ތާރީހުގައި ވަރަށް ފާހަގަ ކޮށްލެވޭނެ މިސްކިތެކެވެ. ބުނެވޭ ގޮތުގައި އެ މިސްކިތަކީ މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެއިރުގެ ރަދުން އައްސުލްތާން މުހައްމަދު ބިން އަބްދުﷲ (ދަރުމަވަންތަ މަހާރަދުން) ބިނާކުރެއްވި 3 މިސްކިތުގެ ތެރޭގައި ހިމެނޭ އެއް މިސްކިތެވެ. އަނެއް ދެމިސްކިތަކީ މާލޭ ހުކުރު މިސްކިތާއި، ދަރުމަވަންތަ މިސްކިތެވެ. ބުނެވޭ ގޮތުގައި ނިލަންދޫގައި ހުރި މިސްކިތަކީ ދަރުމަވަންތަ މަހާރަދުން ނިލަންދުއަށް ވަޑައިގެން ބިނާކުރެއްވި މިސްކިތެކެވެ.

800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެ މިސްކިތް އިމާރާތް ކޮށްފައި ވަނީ ހިރިގަލުންނެވެ. މި މިސްކިތް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށް ތަފާތު ބަދަލުތައް ގެނެސްފައި ވެއެވެ. މިސްކިތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވުމުގެ ސަބަބުން މިސްކިތުގެ އަސްލުގެ ބޮޑު ބައެއް ވަނީ ގެއްލިގެން ގޮސްފައި ކަމަށް ދުވަސްވީ މީހުން ބުނެއެވެ. އެ މިސްކިތުގެ ގޯތިތެރޭގައި ވެސް އެ ދުވަސްވަރު މަރުވެފައިވާ މީހުން ވަޅުލާފައި ވެއެވެ. 7 މުގުރިންގެ މަހާނައާއި އަދި ވެސް އިތުރު މަހާނައެއް މިސްކިތު ގޯތި ތެރޭގައި ހުރެއެވެ.

ނިލަންދޫގައި ހުރި ވެވު

މީގެ އިތުރުން ނިލަންދޫ އާސާރީ ސަރަހައްދުގައި އޮންނަ ވެވަކީ ކުރީ ޒަމާނުގެ މީހުން ފެން ވެރުމަށް ބޭނުން ކުރާ ވެވެކެވެ. މިވެވަކީ ހިރިގަލުން ރާނައި އަދި ވެވުގެ އަޑި ތަށިވައް ހަދާފައި އޮންނަ ވެވެކެވެ. ޒަމާންތަކެއް ވަންދެން މިވެއު ބައްދާލާފައި އޮތުމަށްފަހު 2015 ވަނަ އަހަރު މިނިވަން ފަންސާހުގެ ފުނަ ހަރަކާތްތަކަށް އާސާރީ ސަރަހައްދު ތައްޔާރުކުރުމުގެ ގޮތުން ވެއު އޮތް ސަރަހައްދު ކޮނެ ވެއު މަރާމާތުކޮށް ވަނީ ހިމާޔަތް ކޮށްފައެވެ.

ނިލަންދޫގެ ދުވަސްވީ މީހުން ބުނާގޮތުގައި ވެއު ބައްދާލީ ކުޑަކުދިން ވެވަށް ވެއްޓި މަރުވާތީއެވެ. ވެއު ކޮނުނު އިރު ވެއު ބައްދާލާފައިވާ ތަން 50 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށް ވެސް އެ ރަށު މީހުން ބުނެއެވެ.