ކުރިޔަށް އޮތް ސީޒަންގައި ރާއްޖެއަށް ފަތުރުވެރިން ގެނައުމަށްޓަކައި އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ލިވަޕޫލާ އެކު މި ފެށޭ އޭޕްރިލް މަހު ބޮޑު ހަރަކާތެއް ފަށާނެކަން އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށްޓަކައި ލިވަޕޫލާ އެކު އެމްއެމްޕީއާރުސީން ސޮއިކުރީ މި މަހުގެ 13 ވަނަ ދުވަހުގައެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެމްއެމްޕީއާރުސީން ބުނީ، އަންނަ މަހު ފަށާ މި ހަރަކާތުގެ ދަށުން އިނގިރޭސިވިލާތުގެ މުހިންމު ސަރަހައްދުތަކުގައި ކުރިޔަށް އޮތް ތިން މަސް ދުވަހު ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިސްތިހާރު މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ. މީގެ އިތުރުން:
- 100 އަށް ވުރެ ގިނަ ޓެކްސީއާއި ލަންޑަންގެ ބަސްތަކުގައި ރާއްޖޭގެ މަންޒަރުތައް ދައްކާލާނެ
- އަންޑަގްރައުންޑްގައި އިޝްތިހާރުކޮށް ބޮޑެތި އެއާޕޯޓުތަކާއި ވިޔަފާރި ލައުންޖްތަކުގަ ވެސް ރާއްޖެ އިސްތިހާރުކުރާނެ
މި ހަރަކާތުގެ ސަބަބުން 76 މިލިއަން މީހުންނަށް ރާއްޖެ ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި އެންމެ ފަހުގެ ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންގެ މަގާމު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާވެގެން ދާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
އިނގިރޭސިވިލާތުގެ އިތުރުން ވިލާތާއި މެދުއިރުމަތީގެ ގައުމުތަކާއި ޗައިނާ އާއި އިންޑިއާ ފަދަ ބޮޑެތި ގައުމުތައް ހިމެނޭހެން 100 ގައުމެއްގައި ހިމެނޭ ލިވަޕޫލްގެ 316 އޮފިޝަލް ސަޕޯޓަރުންގެ ކްލަބްތަކާ އެކު މި ހަރަކާތުގެ ދަށުން ޓާގެޓަޑް ކެމްޕެއިންތަކެއް ހިންގުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ފުޅާވެގެން ދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ލިވަޕޫލާ ގުޅިގެން ކުރިޔަށް ގެންދާ މި ހަރަކާތުގެ ސަބަބުން މި އަހަރު ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށާއި، އާމްދަނީގެ ގޮތުގައި ރާއްޖެއަށް 200 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.
އެމްއެމްޕީއާރުސީން ބުނީ މި ހަރަކާތަށް ޖުމްލަ 2.5 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކޮށްފައިވާނެ ކަމަށާއި، ބަދަލުގައި ލިބޭ ވަރު އަހަރަކު އެއަށް ވުރެ 20 ގުނަ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.