ސަލާމް ލެއްވި މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމް އިސްލާމް ދީނަށް ގޮވާލައްވަން ފެއްޓެވީ މައްކާގައި ކަމުގައި ވީ ނަމަވެސް އެކަލޭނގެފާނަށްޓަކައި އެތަށް ގުރުބާނީއެއްވެ އެކަލޭނގެފާނު ދެކެ އިންތިހާއަށް ލޯބިވި އަސްހާބު ބޭކަލުންތަކެއް މަދީނާގައި ވެސް އުޅުނެވެ. މީގެ ތެރެއިން އެއް ބޭކަލަކީ އުމުރުން 31 އަހަރުގައި އިސްލާމީ ހިދާޔަތް ގަބޫލުކުރައްވާ އުމުރުން 37 އަހަރުގައި އިސްލާމްދީނުގެ ހައްގުގައި ޝަހީދުވެގެން ދިޔަ ސައުދު ބުން މުއާޒްއެވެ.
އިސްލާމެއް ގޮތުގައި ދުނިޔެ މަތީގައި ހުންނެވި 7 އަހަރު ތެރޭގައި ސައުދުގެފާނު ވަނީ މަދީނާގެ މުސްލިމުންނާ ކީރިތި ރަސޫލާއަށް އެތަށް ހިދުމަތެއް ކުރައްވާފައެވެ. އަދި މި މަދު ދުވަސްކޮޅު ތެރޭގައި އެކަލޭނގެފާނަކީ އިތުރު ރަސޫލާ އެންމެ ލޯބިފުޅުވާ ސަހާބީއަށް ވެގެން ދިޔަ އިރު ސައުދުގެފާނުގެ އަވަހާރަވުމުން ރަސޫލާ އިންތިހާއަށް ހިތާމަ ކުރެއްވި ކަމަށް ރިވާވެގެންވެއެވެ. އަދި އެކަލޭނގެފާނުގެ ކަށު ނަމާދު ހުދު ރަސޫލާ އިމާމްވެ ކުރެއްވި އިރު އެދުވަހު އެކަލޭނގެފާނު ހަދީޘް ކުރެއްވިއެވެ.
"ސައުދު ބުން މުއާޒްގެ ޖަނާޒާގައި 70،000 މަލަކާތް ބޭކަލުން ބައިވެރިވަޑައިގެންނެވިއެވެ. އެބޭކަލުންނަކީ މީގެ ކުރިން ބިމަށް ފައިބާފައިވާ ވެސް ނުވާ މަލާކަތް ބޭކަލުންނެވެ"
އައިލާ
ސައުދު ބުން މުއާޒްގެ ބައްޕާފުޅަކީ މުއާޒް ބިން ނޫމާންއެވެ. އަދި މަންމާފުޅަކީ ކަބްޝާ ބިންތި ރާފާއެވެ. އެކަމަނާއަކީ ކީރިތި ރަސޫލާއަށް ތަވާބި މީހުންގެ ތެރެއިން މީހެކެވެ.
އެކަލޭނގެފާނު ކައިވެނި ބައްލަވައިގެންނެވީ ހިންދް ބިންތް ސިމާކްއެވެ. އެކަމަނާއަކީ ވެސް މާތް ރަސޫލާއަށް ތަބާވި ބޭފުޅަކަށްވާ އިރު އެދެމަފިރިންނަށް ދެ ފިރިހެން ބޭކަލުން ލިބިވަޑައިގެންނެވިއެވެ.
ސައުދުގެފާނަކީ މަދީނާގެ އައުސް ގަބީލާގެ ބަނޫ އަބްދު އަލް އަޝްހާލް ދަރިކޮޅަށް ނިސްބަތްވެވަޑައިގެން ބޭކަލަކެވެ. އަދި އެކަލާނގެފާނަކީ އައުސް ގަބީލާގެ އިސްވެރިޔާވެސްމެއެވެ.
އިސްލާމްދީނު ގަބޫލުކުރެއްވުން
ސައުދު ބުން މުއާޒަށް އިސްލާމްދީނުގެ ހެޔޮ ރިސާލަތު އިއްވެވީ ކީރިތި ރަސޫލާ މައްކާއިން ފޮނުއްވި އެކަލޭނގެފާނުގެ ސަފީރު މުސްއަބް ބިން އުމައިރެވެ. މާތް ރަސޫލާގެ އަމުރަށް މުސްއަބްގެފާނު މަދީނާއަށް ވަޑައިގެން އެރަށުގެ ބޮޑުންނާއި ބައްދަލުކުރައްވާ ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވެ ދީނަށް ގޮވާލައްވާ ހެއްދެވިއެވެ. އެކަލޭނގެފާނު އޭރު ބައްދަލުކުރެއްވި ބޮޑުންގެ ތެރޭގައި ސައުދުގެފާނު ހިމެނުނު އިރު މަދީނާގެ ބޮޑުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމް ދީނު ގަބޫލު ކުރެއްވި ބޭކަލުންގެ ތެރޭގައި ވެސް ސައުދުގެފާނު ހިމެނިވަޑައިގަތެވެ.
އެކަލޭނގެފާނު އިސްލާމް ދީނު ގަބޫލުކުރެއްވުމަށް ފަހު އެކަލޭނގެފާނުގެ ގަބީލާއަށް އެނބުރި ވަޑައިގެން އިސްލާމް ދީނު ގަބޫލު ނުކުރާ އެއްވެސް ފިރިހެނަކާ ވެސް އަދި އަންހެނަކާ ވެސް ތިމަން ކަލޭނގެފާނު ވާހަކަ ނުދައްކަވާނެ ކަމަށް ވިދާޅުވިއެވެ. ސައުދުގެފާނަކީ އެކަލޭނގެފާނުގެ ގަބީލާގެ އިތުރުން މުޅި މައްކާގެ ރައްޔިތުންގެ ލޯތްބާއި ގަދަރު ލިބިފައިވާ ބޭކަލެއް ކަމުން، އެކަލޭނގެފާނުގެ ގަބީލާގެ ހުރިހާ ފިރިހެންނުންނާއި އަންހެނުން އެއްވެސް ޖެހިލުމެއް ނެތި އިސްލާމްދީނު ގަބޫލުކުރިއެވެ. އަދި އެގަބީލާ ވެގެން ދިޔައީ މަދީނާގެ ގަބީލާތަކުގެ ތެރެއިން ހުރިހާ ފިރިހެންނުނާއި އަންހެނުން އިސްލާމް ދީނު ގަބޫލު ކުރި ފުރަތަމަ ގަބީލާއަށެވެ.
ބަދަރު ހަނގުރާމައިގައި ސައުދުގެފާނު ދެއްކެވި ވަފާތެރިކަމާ ހިތްވަރުގަދަ ކަން
ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމް އިސްލާމް ދީނަށް ގޮވާލައްވަން ފެއްޓެވި ފަހުން ކުރެއްވި އެންމެ މުހިންމު އަދި އެންމެ ވަރުގަދަ ތިން ހަނގުރާމަ ކަމަށް ބަދުރު، އަހުދު އަދި ހަންދަގު ހަނގުރާމައިގައި ވެސް ސައުދުގެފާނު ބައިވެރިވަޑައިގަތެވެ. ބަދަރު ހަނގުރާމައި ސައުދުގެފާނު ހުންނެވީ އައުސް ގަބީލާގެ ދިދަ ހިއްޕަވައިގެން އެގަބީލާގެ އެތަށް ބަޔަކާއެކު ރަސޫލާއާ މުސްލިމުންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް ފުރާނައާ މާލުން ގުރުބާންވާ ތައްޔާރަށެވެ.
މިރްޒާ ބާޝިރު އަހުމަދު ސާހިބު ލިޔުއްވި 'ސިރާތުލް ޚަތަމުން ނަބިއްޔިން' ގައިވާ ގޮތުން ބަދުރުގެ ވާދީއާ މަދީނާއާ ދެމެދު އޮންނަ ސަފްރާ ނަމަކަށް ކިޔާ ވާދީއާ ހިސާބަށް މުސްލިމުންގެ ލަޝްކަރަށް ދެވުނު ތަނުން މައްކާއިން މުޝްރިކުންގެ ބޮޑު ލަޝްކަރެއް އަންނަ ހަބަރު ލިބުނެވެ. އެއީ ޤުރައިޝުންގެ ވިޔަފާރި ގާފިލާ ހިމާޔަތް ކުރަން މުޝްރިކުން ފޮނުވި ލަޝްކަރެކެވެ. މުސްލިމުންގެ ލަޝްކަރު ވަންހާވެގެން އޮންނަންވީ ވަގުތު ފާއިތުވުމުން ދެން ކަންތައް ކުރަންވީ ގޮތެއް ހޯދަން ރަސޫލާ އެކަލޭނގެފާނުގެ ސަހާބިން އެއްކުރައްވާ އެބޭކަލުންގެ ހިޔާލުފުޅަށް އެއްސެވިއެވެ.
ސަހާބީންގެ ހިޔާލަކަށްވީ ގުރައިޝުންގެ ގާފިލާއަށް އިސްވެ ހަމަލާ ދިނުމަށެވެ. އަދި އެބޭކަލުން ރަސޫލާ އަރިހުގައި ހަނގުރާމައިގައި ބައިވެރިވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ. މި އަޑު އައްސަވާ ރަސޫލާ އުފާކުރެއްވި ނަމަވެސް މަދީނާގެ އަންސާރުންގެ ބޭކަލެއްގެ ބަސް އަޑުއައްސަވަން އެކަލޭނގެފާނު ބޭނުންފުޅުވިއެވެ. އެއީ އެކަލޭނގެފާނަށް ހީފުޅުވީ ބައިތުލް އަގްބާގެ އެއްބަސްވުމުގެ ދަށުން އަންސާރުން ބައިވެރިވާނީ ހަމައެކަނި މަދީނާއަށް ސީދާ ނުރައްކަލެއް ކުރިމަތިވާ ފަދަ ހަނގުރާމައެއްގައި އެކަނި ކަމަށެވެ.
މިކަން ވިސްނިވަޑައިގެން އައުސް ގަބީލާގެ އިސްވެރިޔާ ސައުދުގެފާނު ތެދުވަޑައިގެން ހަރު އަޑުން ވިދާޅުވިއެވެ.
"މާތް ﷲ ގެ ރަސޫލާއެވެ. ފަހަރުގައި ކަލޭނގެފާނު ތި މަޑުކުރައްވަނީ އަޅުގަނޑުމެންގެ ބަހަކަށެވެ. މާތް ﷲ ގަންދީ ބުނަމެވެ. އަޅުގަނޑުމެން ކަލޭގެފާނަކީ ތެދުވެރިއެއް ކަމުގައި އީމާންވެ، ކަލޭނގެފާނުގެ އަތްޕުލާ އަތް ގުޅުވާލީ، ދެން ކަލޭނގެފާނު އެދޭ ކޮންމެ ތަނަކަށް ނުކުތުމަށެވެ. އަޅުގަނޑުމެން ކަލޭގެފާނާއެކު ކޮންމެ ތަނަކަށް ވެސް ދިއުމަށް މި ތިބީ ތައްޔާރަށެވެ. ހައްޤު ތެދާއެކު ކަލޭނގެފާނު މި ބިންމައްޗަށް ފޮނުވި އިލާހުގެ ހައްގުގައި ބުނަމެވެ. މިއަދު ކަލޭނގެފާނު އަޅުގަނޑުމެންނަށް ކަނޑަށް އެރި ގަރަގުވާން އެދުނުސް އަޅުގަނޑުމެންގެ ތެރެއިން އެކަކު ވެސް ފަސް ނުޖެހޭނެއެވެ. މާތް ރަސްކާލާނގެ އިރާދަފުޅުން ހަނގުރާމައިގެ މައިދާނުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ތިބޭނަމެވެ. އަދި އެތަން ފެނި ކަލޭނގެފާނު އުފާ ކުރައްވާނެއެވެ".
ސައުދުގެފާނުގެ މި ބަސްތައް އިވިވަޑައިގެން ކީރިތި ރަސޫލާ ހިތްހަމަޖެހިވަޑައިގެން ހަދީޘްކުރެއްވިއެވެ.
"މާތް ﷲގެ ނަމުގައި ކުރިއަށް ވަޑައިގަންނަވާށެވެ. އެކަލާނގެވަނީ މުޝްރިކުންގެ މައްޗަށް ކާމިޔާބީ ލިބިވަޑައިގަންނަވާނެ ކަމުގެ ހެޔޮ ހަބަރު ތިމަން ކަލޭނގެފާނަށް ދެއްވާފައެވެ. މާތް ﷲ ގަންދީ ބުނަމެވެ. ދުޝްމަނުންގެ މީހުންގެ މަރުވެގެން ވެއްޓޭނެ ތަންތަން މި ވަގުތު އަޅުގަނޑަށް ފެންނަމުން އެބަދެއެވެ."
ހަނދަގު ހަނގުރާމައާ ސައުދުގެފާނު އަވަހާރަވުން
މައްކާގެ މުޝްރިކުންގެ ގަބީލާތަކާ މަދީނާގައި މާތް ރަސޫލާއާއެކު ތިއްބެވި މުސްލިމުންނާ ދެމެދު ހިނގި އެންމެ މުހިއްމު އަދި އެންމެ ތަފާތު ހަނގުރާމައަކީ ހަނދަގު ހަނގުރާމެއެވެ. ބަދަރު ހަނގުރާމައާއި އުހުދު ހަނގުރާމައިގައި މައްކާގެ މުޝްރިކުންނަށް ލިބުނު ހިތި ނަތީޖާތައް ހަނދާން ނައްތާލާ 10،000 ސިފައިންގެ ގުޅިފައިވާ ލަޝްކަރަކައިގެން މުޝްރިކުން މަދީނާއަށް ދިޔައީ އެރަށް ސުންނާފަތިކޮށްލުމުގެ ނިޔަތުގައެވެ.
އެހެން ނަމަވެސް އެންމެ ތިން ހާސް މީހުންގެ ލަޝްކަރަކާއެކު ހަނގުރާމައަށް ނިކުމެވަޑައިގެންނެވި ކީރިތި ރަސޫލާ އެހަނގުރާމައިގައި ބޭނުން ކުރެއްވި އުކުޅަކީ ފަހުގެ ހަނގުރާމަތަކުގައި ވެސް ފެނިގެން ދިޔަ ފަދަ މޮޅު އުކުޅެކެވެ. މިގޮތުން، އެކަލޭނގެފާނުގެ އަމުރަށް މަދީނާގެ ވަށައިގެން ބޮޑު ވަޅުގަނޑެއް ކޮނުމުން ދުޝްމަނުންގެ ލަޝްކަރަށް މަދީނާގެ ތެރެއަށް ނުވަދެވި އެރަށުގެ ބޭރުގައި އެތަށް ދުވަސްތަކެއް ވަންދެން އޮންނަން ޖެހުނެވެ. އަދި މާތް ﷲ ފޮނުއްވި ބާރުގަދަ ތޫފާނުތަކުގައި ޖެހި ދުޝްމަނުންގެ ލަޝްކަރުގައި ހިމެނޭ ޖަނަވާރުތަކާ ސިފައިންނަށް އެކި އެކި ޒަހަމްތައް ލިބި އަނބުރާ މުޝްރިކުންގެ ލަޝްކަރު މައްކާއަށް ދިޔައީ ލަދުވެތި ހާލުގައެވެ.
ހަނދަގު ހަނގުރާމައިގައި ދެ ފަރާތުން ވެސް މާ ގިނަ ބަޔަކު މަރުނުވާ އިރު މި ހަނގުރާމައިގެ ސަބަބުން މުސްލިމު އުއްމަތަށް ފޫނުބެއްދޭ ފަދަ ގެއްލުމެއް ލިބުނެވެ. އެއީ ހަނގުރާމައިގައި ލިބިވަޑައިގެން ޒަހަމްތަކެއްގެ ސަބަބުން ސައުދު ބުން މުއާޒް އަވަހާރަވުމެވެ.
ސައުދުގެފާނު ޒަހަމްވެވަޑައިގަތީ މުޝްރިކުންގެ މީހަކު އެއްލި ތީރަކުންނެވެ. މި ތީރު ހެރުނީ އެކަލޭނގެފާނުގެ އަތުގެ މައި ނާރަކަށެވެ. މާތް ﷲ ރުއްސުން ލެއްވި ޖާބިރުގެފާނު ރިވާކުރެއްވި ގޮތުގައި ސައުދުގެފާނުގެ އަތްޕުޅުން އެ ތީރުގެ ކޮޅު ނެއްޓެވީ ހުދު ރަސޫލާއެވެ. އަދި އެކޮޅު ބޭނުންކޮށްގެން އެތަން އިތުރަށް ފަޅާ ހޫނުކޮށް ބެއްދިއެވެ. އެހެން ނަމަވެސް އެއަތް ދުޅަވުމުން އަލުން އެތަން ފަޅުއްވާ ބެއްދެވީ ވެސް ރަސޫލާ ކަމަށް ޖާބިރުގެފާނު ރިވާ ކުރެއްވިއެވެ.
އައިޝާ ރަޟިއަﷲ ރިވާ ކުރެއްވި ގޮތުގައި ސައުދުގެފާނުގެ ޒަހަމް މަޑުމަޑުން ރަނގަޅުވެ ފާރު ގަނޑު ހިކެމުން ދިޔައެވެ. މި ތަން ފެނި އެކަލޭނގެފާނު މާތް ﷲ އަށް ދުޢާކުރެއްވިއެވެ.
"ޔާ ﷲ. އިބަ ރަސްކަލާނގެ ރަސޫލާއަށް ނުކިޔަމަންވެ އެކަލޭނގެފާނުގެ ރަށުން ނިކުމެވަޑައިގެންނެވުމަށް މަޖްބޫރު ކުރި މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ވުރެ އަހުރެން އުފާވާ ކަމެއް ނުވާ ކަން އެނގިވަޑައިގަންނަވާނީ ވެސް ހަމަ އިބަ ރަސްކަލާނގެއަށެވެ. ޔާ ﷲ، މުސްލިމުންނާ މައްކާގެ ޤުރައިޝުންނާ ދެމެދު ކުރާ ހަނގުރާމަތަކަށް އިބަ ރަސްކަލާނގެ ނިމުން ގެންނަވައިފިކަމަށް އަހުރެން ގަބޫލުކުރަމެވެ. ޤުރައިޝުންނާ ދެކޮޅަށް އަދި ވެސް ހަނގުރާމައެއް ކުރަން އޮތް ނަމަ އަހުރެންގެ ފުރާނަ އަދި ނުގެންދަވާ، އެއުރެންނާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރުމުގެ ހިތްވަރު ދެއްވާށެވެ. އެހެން ނަމަވެސް، ހަނގުރާމަތައް ނިމުމަކަށް އަތުވެއްޖެނަމަ އަހުރެންގެ އަތުގައި މިވާ ޒަހަމް އަލުން ހުޅުއްވާ އަހުރެން ޝަހީދުވެގެންދާ ސަބަބެއް ކަމުގައި ލައްވާށިއެވެ"
އައިޝާގެފާނު ރިވާ ކުރެއްވި ގޮތުގައި އެރޭ ސައުދުގެފާނުގެ ޒަހަމް އަލުން ހުޅުވި އެތަނުން ލޭ ފައިބަން ފެއްޓިއެވެ. އެކަލޭނގެފާނު އޮންނެވީ އައްނަބަވީ މިސްކިތުގައި ޖަހާފައި ހުރި ޓެންޓެއްގައެވެ. އެ ޒަހަމުން ފޭބި ލޭ ގިނަ ކަމުން ޖެހިގެން ހުރި ޓެންޓަށް ލޭތަށް ފޯރާ ސަރަހައްދުގައި ތިބި އެންމެން ސަމާލުކަމަށް އަތުވެއްޖެއެވެ. ލޭ ފައިބަމުންދަނީ ސައުދުގެފާނުގެ ޒަހަމުން ކަން އެނގުމުން ރަސޫލާ އެތަނަށް ވަޑައިގެން ސައުދުގެފާނުގެ ކަނދުރާފުޅު އެކަލޭނގެފާނުގެ އުގުކޮޅުގައި ބޭވެވިއެވެ. ސައުދުގެފާނުގެ ގައިން ފައިބަމުން ދިޔަ ލޭތަށް ގިނަ ކަމުން ރަސޫލާގެ މޫނުފުޅާ ތުބުޅިފުޅުގައި ވެސް ލޭ ހޭކެމުން ދިޔައެވެ. މިތަންފެނި އެތަނުގައި ތިއްބެވި ސަހާބީން އެ ލޭން ރަސޫލާ ސަލާމަތްކުރަން މަސައްކަތް ކުރެއްވިއެވެ. އެހެން ނަމަވެސް އެބޭކަލުން މަސައްކަތް ކުރެއްވި ވަރަކަށް ރަސޫލާގެ ގައިކޮޅުގައި ހޭކެމުން ދިޔަ ސައުދުގެފާނުގެ ލޭ ދިޔައީ އިތުރުވަމުންނެވެ.
މާތް ރަސޫލާ ސައުދުގެފާނުގެ ގައިގައި ހިއްޕަވާ އެކަލޭނގެފާނުގެ ގުރުބާނީ ގަބޫލުކުރެއްވުމަށް އެދި މާތް ﷲ އަށް ދުއާ ކުރެއްވިއެވެ. އެތަން އިވިވަޑައިގެން މަރުގެ ތުންފަތް މަތީގައި އޮންނެވި ސައުދުގެފާނުގެ ވިދާޅުވިއެވެ.
" އޭ މާތް ﷲ ގެ ރަސޫލާއެވެ. ކަލޭނގެފާނަށް ސަލާމް ހުއްޓެވެ. ކަލާނގެފާނަކީ މާތް ﷲ ފޮނުއްވި ރަސޫލެއް ކަމަށް އަޅަ ހެކިވަމެވެ"
ސައުދުގެފާނު އަވަހާރަވުމުން މާތް ﷲގެ އަރުށިކޮޅަށް ލޮޅުން އެރި
ސައުދުގެފާނު އަވަހާރަވުމުން މާތް ރަސޫލާ އެތަށް ދުވަހެއް ވަންދެން ހިތާމަކުރެއްވިއެވެ. ސައުދުގެފާނުގެ ކަށު ނަމާދު އިމާމުވެ ކުރެއްވީ ރަސޫލާއެވެ. އަދި އެކަލޭނގެފާނު ފަސްދާނު ލެއްވި ތަނަށް ވެސް މާތް ރަސޫލާ ވަޑައިގެން ޖަނާޒާގައި ބައިވެރިވަޑައިގެންނެވި އިރު އެތަނުގައި ހުންނަވާ ރަސޫލާ ހަދީޘްކުރެއްވި ކަމަށް ރިވާވެގެން އައިސްފައިވެއެވެ.
" ސައުދު ބުން މުއާޒް އަވަހަރާވުމުން، މާތް ﷲ ގެ އަރުށިކޮޅަށް ލޯޅުން އަރައިގެން ދިޔައެވެ".
ރަސޫލާގެ މި ހަދީޘް ތަފްސީރުކުރެއްވި އިލުމުވެރިން ވިދާޅުވާ ގޮތުގައި ސައުދުގެފާނު އަވަހާރަވުމުން މާތް ﷲގެ އަރުށިކޮޅަށް ލޮޅުން އަރައިގެން ދިޔައީ ސައުދުގެފާނުގެ ފުރާނަފުޅަށް މަރުހަބާ ދެންނެވުމުގެ ގޮތުންނެވެ.