ނޫހު އަލީ ސަލްމާން އަލްގުދަހް އަކީ އުރުދުންގެ މުސްލިމް އިލްމުވެރިއެއްގެ އިތުރުން 2007 އިން 2010 ވަނަ އަހަރަށް އެ ގައުމުގެ ދީނީ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި އިލްމުވެރިޔާއެވެ. 1939 ވަނަ އަހަރު އަޖްލޫންގެ އައިން ޖަނާއަށް އުފަން ގުދަހް ވަނީ 1954 ވަނަ އަހަރު ސީރިއާއަށް ވަޑައިގެން އިސްލާމީ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރައްވާފައެވެ.

1965 ވަނަ އަހަރު ދިމިޝްގުގެ ޔުނިވަާސިޓީއިން، ކޮލެޖް އޮފް ސޭކްރެޑް ލޯއިން ޑިގްރީ ހާސިލް ކުރެއްވިއެވެ. ޖޯޑަންއަށް އެނބުރި ވަޑައިގަތުމާއެކު އޭނާ އުރުދުންގެ ހަތިޔާރު އެޅި ސިފައިންނާ ގުޅިވަޑައިގެން 1972 ވަނަ އަހަރު އެ އިދާރާގެ މުފްތީއަކަށް ވެވަޑައިގެންނެވިއެވެ. އޭނާގެ ތައުލީމީ ހަޔާތް ފުރިހަމަކުރެއްވުމަށް މިސްރުގައި ކިޔަވަމުން ކުރިއަށް ގެންގޮސް، 1980 ވަނަ އަހަރު ގާހިރާގެ އަލްއަޒްހަރު ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވިއެވެ.

އުރުދުންގެ ލަޝްކަރުގައި ދީނީ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، އަދި 1972 ވަނަ އަހަރު ހަތިޔާރު އެޅި ސިފައިންގެ އިސް އިލްމުވެރިއަކަށް އަލްގުދަހް އައްޔަން ކުރެވުނެއެވެ. 1992 ވަނަ އަހަރާ ހަމައަށް މި މަގާމުގައި ހުންނެވި އިރު، ފަހުން ވަނީ އުރުދުންގެ ޗީފް އިސްލާމިކް ޖަސްޓިސް ގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން އެ މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ މިސްކިތުގައި، އަދި ކައިރީގައިވާ ޔުނިވާސިޓީތަކުގައި އިލްމު އުނގަންނައި ދިނުމަށް ފޯކަސް ކުރެއްވުމަށެވެ.

އިސްލާމީދީން ގެ އިލްމު އެގުނުމާއި، އިލްމު ފެތުރުމުގެ އިތުރުން އޭނާވަނީ 1996 އާއި 2001 އާ ދެމެދު އީރާނުގައި ހުންނަވާ އުރުދުންގެ ސަފީރުގެ މަގާމުވެސް އަދާކުރައްވާފައެވެ. އޮމާންގެ އެންމެ ފާހަގަކޮށްލެވޭ އެއް އިލްމުވެރިޔާ އަދި އުރުދުންގެ ނޫހު އަލީ ސަލްމާން އަލްގުދުހްގެ ސިޔާސީ، އިޖުތިމާއި އަދި އިގްތިސާދީ ދާއިރާތަކުގައި ފަތުވާތަކުގެ ސަބަބުން އޭނާއަށް ވަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.

އޭނާވަނީ 2004 އާއި 2007 އާ ދެމެދު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފަތުވާ ކައުންސިލްގެ ޑިރެކްޓަރުގެ މަގާމާއި، މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް ރިލީޖިއަސް އެފެއާޒްގެ އެޑްވައިޒަރެއްގެ މަގާމު އަދާކުރެއްވިއެވެ. ފެބްރުއަރީ 28، 2007 ގައި އޭނާވަނީ އުރުދުންގެ ރަސްކަމުގެ އެންމެ އިސް އިލްމުވެރިޔާ ނުވަތަ ގްރޭންޑް މުފްތީކަމަށް ހަމަޖައްސަފައެވެ. އިސްލާމީ އުއްމަތުގެ ހަމަޖެހުމަށްޓަކައި މަސައްކަތްކުރެވި އަލްގުދަހް ވަނީ 2007 ވަނަ އަހަރު މުސްލިމް އަދި ކްރިސްޓިއަން ޖަމާއަތްތަކުގެ މެދުގައި ސުލްހައަށް ގޮވާލާ ކްރިސްޓިއަން ލީޑަރުންނާ ދެމެދު އޮތް އޯޕަން ލެޓަރުގައި ސޮއިކުރެއްވި 138 މުސްލިމުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ.

ޑިސެމްބަރު 19، 2010 ވަނަ އަހަރު އަލްގުދަހް އަވަހާރަވުމަށްފަހު، އޭނާގެ ދަރިކަލުންނާއި، ކުރީގެ ވަޒީރެއްގެ އިތުން އޭނާއަށް ތާއިދުކުރާ ފަރާތްތައް ގުޅިގެން ޝެއިހް ނޫހު ރުފާދާ މުޖުތަމައަށް ފެއްޓެވިއެވެ. އަދި އުރުދުންގައި ފަގީރުކަން ކުޑަކުރުމަށް އެ ޖަމިއްޔާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.