އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ސިޓީއަށް އިންޑިއާއިން ގެނައި، އިންޖީނު މާދަމާއަށް އައްޑޫއަށް ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އައްޑޫ ސިޓިގެ ކަރަންޓު މައްސަލަ ހައްލު ނުވެ ގިނަ ދުވަސްތަކެއްވެފައިވާއިރު، މި ރަމަޟާން މަހު އެކި ހިސާބުތަކުން އެއް ގަޑިއިރަށް ކަރަންޓު ކަނޑާ މައްސަލަވަނީ ބޮޑުވެފައެވެ. އަދި މި މައްސަލަ ހައްލު ނުވެ ދިގުދެމިގެން ދިއުމާއި ގުޅިގެން އައްޑޫ ސިޓީގައި އިހްތިޖާޖުކޮށްފައިވާއިރު ފެނަކައިން ވަނީ މި މައްސަލަ ހައްލުކުރުމަށް މިމަހުގެ 11 ވަނަ ދުވަހު އެ ސިޓީއަށް 1 މެގަވޮޓުގެ އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފައެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު އެ ޖެންސެޓް އިންސްޓޯލްކުރުމުގެ މަސައްކަތްކޮށްފައިވާއިރު، އޭރު ފެނަކައިން ވަނީ ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން 1.8 މެގަވޮޓްގެ ޖެނަރޭޓަރު ސެޓެއް އައްޑޫއަަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ.
ފެނަކައިން މިހެން ބުނެފައިވާއިރު، އައްޑޫގެ ކަރަންޓް މައްސަލަ އެއްކޮށް ހައްލުނުވެ، އަނެއްކާވެސް އިންޖީނަށް މައްސަލައެއް ދިމާވެ ކަރަންޓު ކެޑުން އިތުރުވެފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރާއި، ފެނަކައަށް އަމާޒުވެފައެވެ. ފެނަކައިން އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ބުނެފައިވާއިރު އެ ކުންފުނިން ބުނީ އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ގެނެވުނު 1،800ކވ އިންޖީނު މިހާރު މާލެ އިން އައްޑޫއަށް ގެންދިއުމަށް އުޅަނދަކަށް ލޯޑު ކުރެވި ފުރުވާލެވިފައިވާކަމަށެވެެ. އަދި މާޗް 26، 2025 ވަނަ ދުވަހު 21:30 ހާއިރު އެ އުޅަނދު އައްޑޫއަށް ބަނދަރު ކުރުމަށް ތާވަލުކުރެވިފައިވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ބުނީ އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުން ކުރަމުން ދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެން ދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުންނެވެ. އައްޑޫއިން ކަރަންޓު ކެނޑޭތާ ގިނަ ދުވަސްތަކެއްވެ، އެ މައްސަލަ ހައްލު ނުވުމާ ގުޅިގެން އެ ސިޓީގެ ރައްޔިތުން އިހްތިޖާޖު ކޮށްފައި ވާއިރު ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވަނީ އައްޑޫ ފެނަކައިގެ ހާލަތު ބެއްލެވުމަށް އެ ސިޓީއަށް ދަތުރު ކުރައްވާފައެވެ. އެގޮތުން ނަޖާހު ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ކުންފުނިން މެދުނުކެނޑި މަސައްކަތް ކުރަމުން ދާކަމަށެވެ.
އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ.