ރޭގަނޑުގެ 8 ގަޑިއިރުގެ ނިންޖަށް ފަހުވެސް އެނދުން ތެދުވާންވުމުން ކަންނެތްވެ، ތެދުވާ ހިތްނުވެފައި އޮންނަން ހެއްޔެވެ. ނިދިން ހޭލުމުންވެސް ވަރުބަލިކަމުގެ އިހްސާސްކުރެވި ހަށިގަނޑަށް ބޭނުންވާ ވަރަށް އަރާމު ނުލިބޭކަން އިހްސާސްވޭ ހެއްޔެވެ؟ ދުވަސް ނިމުމުން ވަރުބަލިވެ ހަކަތަ މަދުވުމަކީ އާދައިގެ ކަމެއް ނަމަވެސް ބައެއް މީހުންނަށް ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކުވެސް ވަރުބަލިކަން އިހްސާސްކުރެވި އާންމު ދިރިއުޅުމުގެ މަސައްކަތްތަކަށް ހުރަސް އެޅުމަކީ މަދުން ނަމަވެސް ދިމާވާ މައްސަލައެކެވެ.
އެފަދައިން ދިމާވުމުން އަބަދުވެސް ވިސްނިފައި އޮންނަނީ ހަމައަށް ނިދި ނުލިބުމުގެ ސަބަބުން ދިމާވާކަމެއް ކަމުގައެވެ. އެހެންނަމަވެސް މިއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. އަބަދު ވަރުބަލިކަން އިހްސާސްކުރެވި ނިދަން ބޭނުންވުމަކީ ސިއްހަތަށް ފައިދާނުކުރާ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ދިމާވާ މައްސަލެއްކަމަށް ތަޖުރިބާކާރުން އެއްބަސްވެއެވެ. ކެއުމުގެ އާދަތަކާއި، ނިދުމުގެ އާދަތައް ގޯސްވުމާއި، ހަށިގަނޑަށް ބޭނުންވާ ކަސްރަތު ނުލިބުމުން ހަށިގަނޑުގެ ހަކަތަ އުފެއްދުމުގެ ގާބިލްކަމަށް ވަރަށް ބޮޑަށް މަދުވެގެން ދެއެވެ.
ނިދުމުގެ އާދަތައް: ބޮޑެތި މީހުންނަށް ކޮންމެ ދުވަހަކު ބޭނުންވާ ހަތް ގަޑިއިރާއި އަށް ގަޑިއިރުގެ ނިންޖަކީ އޮޕްޓިމަމް ހޯމޯން، މެންޓަލް އަދި މެޓަބޮލިކް ހެލްތަށް ވަރަށް މުހިއްމު އެއްޗެކެވެ. ކިތަންމެ ބިޒީކޮށް އުޅުނު ނަމަވެސް 8 ގަޑިއިރު ނިދުމަށް އާދަކުރާށެވެ. އަވަހަށް ނިދުމާއި އަވަހަށް ހޭލުމަކީ މުހިއްމުކަމެކެވެ. އެހެންކަމުން ދިރިއުޅުމުގެ އެހެނިހެން މަސައްކަތްތައް ދޫކޮށް، ސޯޝަލް މީޑިއާ އާއި ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އަދިވެސް ނިންޗަށް ހުރަސް އެޅޭ ކަންތައްތައް ހުއްޓާލުމަށް އާދަކުރާށެވެ. ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ނިދާކޮޓަރީގެ ފިނިހޫނުމިން 60 އާއި 67 ޑިގްރީ ފަރެންހައިޓް އާއި ދެމެދުގައި ހުންނަން ޖެހެއެވެ. މިއީ މުހިންމު ކަމެއް ކަމުގައި ވާނީ ނިދާފައި އޮންނަ ވަގުތ ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެއެވެ. ފިނި ކޮޓަރިއެއް އޮތުމަކީ މި ޕްރޮސެސްއަށް މަގުފަހިކޮށްދޭ ކަމެކެވެ.
އެލާމްކުރުން: ކޮންމެ ދުވަހަކު ނިދުން ހޭލުމަށް އެލާމް ރިންގުވުމާއެކު ސްނޫޒްއަށްލުމަކީ ވަރަށް މީހުންގެ ގައިގައި ހިފާފައިވާ އެހެންނަމަވެސް ވަގުތުން ހުއްޓާލަން ޖެހޭ އާދައެކެވެ. އެލާމް ސްނޫޒްއަށްލުމުން ހަށިގަނޑުން އެއީ ދޮގު އެލާމެއް ކަމަށް ގަބޫލުކޮށް އެކަމަށް އާދަކޮށްލައެވެ. އެލާމް ކަނޑާލުމަށްފަހު ނިދަން އޮންނައިރު ސިކުނޑި އަނެއްކާވެސް ތައްޔާރުވަނީ މީހާ މާ ފުން ނިންޖެއްގެ ތެރެއަށް ގަންބާލުމަށެވެ.
ކެއުމުގެ އާދަތައް: ހަށިގަނޑަށް ހަކަތަ ބޭނުންވާ ވަރަށް ނުކެއުމާއި އަދި ބައެއް ފަހަރު އެއްވެސް ފައިދާއެއް ނެތް ކާނާ ކެއުމުގެ ސަބަބުންވެސް މީހާގެ ހަކަތައަށް އަސަރުކުރެއެވެ. މިސާލަކަށް ހަށިގަނޑަށް އެކަށީގެންވާ ވަރަށް ދަގަނޑުގެ ބައިތައް ނުލިބޭ ނަމަ، ހެލިފެލިވެ އުޅުން ލަސްވެ، ރުޅިގަދަވެ، ފޯކަސް ނުކުރެވިގެން އުޅޭ ކަމުގެ އިހުސާސް ކުރެވޭނެއެވެ. އެއީ މަސްތަކާއި ސެލްތަކަށް އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބުމުން މެދުވެރިވާކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މިންވަރު އިތުރު ކުރުމަށްޓަކައި ގަދަ ފެހި ފަތް، ތަރުކާރީ އާއި ކިޑްނީ ބިންސް އަދި ނާޓްސް ކާން އާދަކުރާށެވެ. މީގެ އިތުރުން އޮރެންޖާއި މިރުހާއި ބްރޮކޮލީ އަދި ސްޓްރޯބެރީ ފަދަ ވިޓަމިން ސީ އިން މުއްސަނދި ކާނާ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ހިމަނާށެވެ. މީގެ އިތުރުން ޕްރޮޓީން އާއި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ހިމެނޭ ދުޅަހެޔޮ ނާސްތާއަކުން ކޮންމެ ދުވަހެއް ފެށުމަށް މަސައްކަތް ކުރާށެވެ.
ކަސްރަތުކުރުން: ދިރިއުޅުމުގައި ގިނަ މީހުންނަށް ހެދޭ އެންމެ އާންމު އެއް ގޯހަކީ މާ ބޮޑަށް ވަރުބަލިވާތީ ނުވަތަ ވަރުބަލިވެފައި ތިބޭތީ ކަސްރަތުކުރަން ކުރާ މަސައްކަތް ނާކާމިޔާބުވުމެވެ. ކަސްރަތަކީ ގުދުރަތީ ހަކަތަ އިތުރުކޮށްދޭ ލޭ ދައުރުވުން އިތުރުކޮށްދީ، ރަނގަޅަށް ނިދުމަށް އެހީތެރިވެދޭ ކަމެކެވެ. ގަވައިދުން ކަސްރަތު ކުރުމަކީ، ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާ ކޮންމެ މީހަކުވެސް ކުރުން މުހިންމު ކަމެކެވެ. ކަސްރަތުން މޫޑު ރަނގަޅުކޮށްދީ، އިންސާނާގެ ހިތަށްވެރިވާ ނުތަނަވަސްކަން ފިލުވައިދެއެވެ. ބަރުދަން ލުއިކޮށް ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ކަސްރަތު ކުރުމުން ހަށިގަނޑަށް އަރާމު ލިބި އަވަހަށް ނިދުމަށް އެހީވެދެއެވެ.
ކެއުމާއި، ކަސްރަތު ކުރުމާއި، ނިދުމުގެ އާދަ އެންމެ ރަނގަޅު ގޮތަށް ބަދަލުކޮށް ރަނގަޅު އާދަކާދަތަކަށް ބަދަލުކުރުމުން ވެސް ވަރުބަލިކަން އިހުސާސް ކުރެވޭނަމަ، ސްލީޕް އެޕްނިއާ ފަދަ ސީރިއަސް މައްސަލައެއްކަމުގައިވެދާނެއެވެ. އެހެންކަމުން މިފަދަ ހާލަތުގައި ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން މުހިއްމެވެ.