އަރަބި ގައުމެއްގައި އުޅުނު މިލިއަނަރެކެވެ. އޭނާއަކީ އެތަށް ވިޔަފާރިއެއް ބިމުން މައްޗަށް ނަގާ އެތަށް ކުންފުންޏެއް ހަދައިގެން މުއްސަނދިވި މީހެކެވެ. އޭނާގެ ނަމުގައި އެތަށް އިމާރަތާކާ އެތަށް ބިމެއް ހުއްޓެވެ. އުޅޭނެ އެތަށް ބައިވަރު ގެއެއް ހުރި މީގެން ކޮންމެ ގެއެއް ވެސް ހުންނަނީ އެހާމެ ޒިނާތަތްތެރިކޮށްފައެވެ. އަދި ޒަމާނީ ހުރިހާ ވަސީލަތްތައް އެތަން ތަނުން ލިބެން ހުރި އިރު އެވަރުން މި މިލިއަނަރުގެ ހިތް ހަމައެއް ނުޖެހުނެވެ.
އޭނާ އަދި ވެސް ބޭނުންވީ ދުނިޔެވީ މުއްސަނދިކަން އިތުރުކުރާށެވެ. މިގޮތުން އޭނާގެ ނަމުގައި އަދި ވެސް އިމާރާތްތައް އަޅަމުން ދިޔައެވެ. އަދި ދަނޑު ބިންތަކާ ތެޔޮވަޅުތައް ވެސް އެއްކޮށް އޭރު ދުނިޔޭގައި އުޅެމުން ދިޔަ އެންމެ މުއްސަނދި އެކަކަށް މިލިއަނަރު ވެއްޖެއެވެ.
ދުވަސްތައް ފާއިތުވެގެން ދިޔައެވެ. މުދަލާ މުއްސަނދިކަމުގެ ފަހަތުން ދުވަމުން ދިޔަ މިލިއަނަރު މުސްކުޅިވެ މަރުގެ ދޮރު މައްޗަށް ދާންވީ ވަގުތު ޖެހިއްޖެއެވެ.
މަރު ތަންމަތީގައި އޮވެގެން އެ މުސްކުޅި މިލިއަނަރުގެ އަގައިން ތަކުރާރުކޮށް ކިޔަމުން ދިޔައީ އެއް ޖުމްލައެކެވެ.
"އަހަރެން މީ ފަޤީރެކެވެ. އަހަރެން މީ ފަޤީރެކެވެ. އަހަރެންމީ ފަޤީރެކެވެ"
މި އަޑު އިވި އެ މިލިއަނަރުގެ ދަރިންނާއި ވާރިސުން ހައިރާންވެއްޖެއެވެ. އަދި އެ މީހާ ގޮވައިގެން އޭނާގެ މުއްސަނދިކަން ދެއްކުމަށް އޭނާގެ ނަން މަތީގައި ހުރި ބިންތާ އިމާރާތްތަކާ ތެޔޮވަޅުތަކަށް ޒިޔާރަތް ކުރިއެވެ. އަދި މި ތަންތަނުގެ މާލިކަކީ އެ މިލިއަނަރު ކަމަށާ އެތަންތަނުން ލިބެމުން ދިޔަ ފައިދާއަކީ އޭނާގެ މިލްކިއްޔާތުގައިވާ ތަކެތި ކަމަށް ބުނަމުން ދިޔައެވެ.
އޭނާގެ ކުދިން ދައްކަމުން ދިޔަ މަންޒަރުތައް ބަލަން އެ މުސްކުޅި މިލިއަނަރު މާޔޫސް ކަމާއެކު އިނެވެ. އަދި ދެކޮޅަށް ބޯހޫރާލުމަށް ފަހު އަނެއްކާވެސް އެއްކަލަ ޖުމްލަ ތަކުރާރުކުރަން ފެށިއެވެ.
"އަހަރެން މީ ފަޤީރެކެވެ. އަހަރެން މީ ފަޤީރެކެވެ. އަހަރެން މީ ފަޤީރެކެވެ"
އެމިލިއަނަރުގެ ދަރިން ގޮތް ހުސްވެއްޖެއެވެ. އެމީހުންގެ ބައްޕަ އެޖުމްލަ ތަކުރާރުކުރަނީ ކީއްވެ ކަމެއް އެކުދިންނަށް އެއްވެސް ވަރަކަށް ނުވިސްނުނެވެ.
ހަދާނެ ގޮތެއް ނޭނގިގެން އެމީހުން ނިންމީ މުސްލިމް އިލްމުވެރިއެއްގެ ކައިރިއަށް ދިއުމަށެވެ. މި ގޮތުން އެއިލްމުވެރިޔާ ކައިރިއަށް ގޮސް ބައްޕަގެ ހާލަތު ކިޔާ ދިނެވެ. އެއަޑު އަހާފައި އެއިލްމުވެރިޔާ ބޭނުންވީ އެ މުސްކުޅި މިލިއަނަރާ ބައްދަލުކުރާށެވެ.
އެކުދިން އެއިލްމުވެރިޔާ ބައްޕަގެ މަރު ތަންމައްޗަށް ގެންދިޔައެވެ. އެމީހާއާ ވާހަކަ ދައްކަން އިލްމުވެރިޔާ ގަޑި އިރެއް ހާ އިރު އިނެވެ. އަދި އޭނާގެ ކަންބޮޑުވުންތައް ކަނުލާ އެއްސެވެ. އިލްމުވެރިޔާއަށް މުސްކުޅި މީހާ ދައްކަމުން ދިޔަ ވާހަކަ ވިސްނުނެވެ.
އެއަށް ފަހު އެއިލްމުވެރިޔާ އެކުދިންނާ ބައްދަލުކުރިއެވެ. އަދި އެމުސްކުޅި މީހާ އޭނާއަކީ ފަގީރެކޭ ބުނަމުން ދިޔައީ ކީއްވެގެން ކަން އެ މިލިއަނަރުގެ ދަރިންނަށް ކިޔާ ދިނެވެ.
" ކުދިންނޭ.. ތި ކުދިންގެ ބައްޕަ އޭނާގެ މުޅި ހަޔާތް ހޭދަކުރީ މުއްސަނދިކަން އެއް ކުރަމަށެވެ. މުއްސަނދިކަން އެއްކުރަން އޭނާ ގަދަ އަޅާ މަސައްކަތް ކުރި އިރު ހެޔޮ އަމަލުތައް އޮތީ އަތުން ދޫވެފައެވެ. ދުނިޔެ ދޫކޮށް ދާން ޖެހުނު ވަގުތު ކުރެވުނު ހެޔޮ އަމަލެއް ނެތެވެ. އަދި އާހިރަތުގައި އޭނާއަށް ފައިދާ ކުރާ ކުރެވުނު ހެޔޮ އަމަލުތައް ކަން ބައްޕައަށް މިހާރު ވިސްނިއްޖެއެވެ. އެހެން ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ".
އެތަށް މިލިއަން ފައިސާއެއް ބޭންކު އެކައުންޓްގައި އޮތް އެ މިލިއަނަރު މަރުވެގެން ދިޔަ އިރު ވެސް އެންމެ ފަހު ބަހަކަށް ވީ 'އަހަރެންނަކީ ފަޤީރެކެވެ. އަހަރެންނަކީ ފަޤީރެކެވެ. އަހަރެންނަކީ ފަޤީރެކެވެ".
މި ވާހަކައިން ލިބޭ އެންމެ މުހިއްމު ފިލާވަޅަކީ މިބިންމަތީ އުޅެން ލިބޭ ވަގުތުގެ ބޭކާރު ކަންކަމުގައި ދުއްވާ ނުލާ އާހިރަތަށް ފައިދާ ކުރާނެ ފަދަ އަމަލުތައް އިތުރުކުރަން ޖެހޭ ކަމެވެ. އަދި މުއްސަނދިކަން ހޯދުމަކީ ގޯސްކަމެއް ނޫން ކަމުގައި ވެސް އެމުއްސަނދިކަން ދެއްވި ރަހްމާންވަންތަ ރަހީމްވަންތަ ރަސްކަލާނގެއަށް ހަމްދާ ޝުކުރު އަދާކޮށް އެކަލާނގެ މަގުގައި ހަރަދުކޮށް ހަދަން ޖެހޭނެއެވެ. އޭރުން ތިބާ ކުރާ ހެޔޮ އަމަލުތައް އިތުރުވެ ތިބާގެ މުއްސަނދިކަމުގައި ބަރަކާތް ވެސް ލައްވާނެވެ.