ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ އާތު އަވާ މިރޭ ފާހަގަކުރަން ނިންމައިފިއެވެ.

ޓޫރިޒަމް އެންޑް އެންވާރަމެންޓު މިނިސްޓްރީ އިން ބުނީ ރާއްޖޭގައި މި ހަރަކާތް ހިންގުމަށް ހަމަޖެހިފައި ވަނީ މިރޭ 09:45 އިން 10:45 އަށް ކަމަށާއި، މި ގަޑީގައި ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ދިއްލުންތައް ނިއްވާލަން ޖެހޭ ކަމަށެވެ.

އެ މިނިސްޓްރީ އިން ވަނީ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި މާހައުލީ ބަދަލުތަކަށް ހޭލުންތެރި ކުރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެންމެން އެކުގައި މި ހަރަކާތުގައި ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ.

މި ހަރަކާތުގައި މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަ ކަމުގެ އަޒުމު ދައްކުވައިދިނުމަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓުގެ ވަގުތަށް ރަމްޒީ 'ލައިޓް އައުޓް" ޕީރިއަޑެއްގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހުޅުވާލެވޭ ޕްލެޓްފޯމެއް ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ޓޫރިޒަމް އެންޑް އެންވާރަމެންޓު މިނިސްޓްރީ އިން ބުނީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށާއި އެހެންކަމުން ގުދުރަތީ ވެއްޓާއި، އެ ވެށީގައި ހިމެނޭ ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް އަންނާންއޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.