ދިވެހިންގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން އަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް ހަދައިފިއެވެ.

އަންނަ މެއި މަހުގެ 23 ން 30 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި މައުރަޒާ ގުޅޭ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ބުނީ ކުރިން މައުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 15 ބާވަތެއްގެ ތަކެތި ބައިވެރިކުރުމުގެ ފުރުސަތު އޮތް ނަމަވެސް މިހާރު އެ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށެވެ. އެގޮތުން މިހާރު މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން އަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެކަމަށް ބީސީސީ އިން ވަނީ ބުނެފައެވެ.

ބީސީސީއިން ބުނީ މިއީ ދިވެހި އުފެއްދުންތެރިކަމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ މައުރަޒެއް ކަމަށެވެ. ބީސީސީއިން ބުނީ މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައިގެންވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ބީސީސީން ވަނީ ބުނެފައެވެ. މިފޯމް ބީސީސީގެ ހެޑް އޮފީހުންނާއި، އަތޮޅުތަކުގައި ގާއިމް ކޮށްފައިވާ ބީސީސީގެ އޮފީސްތަކުގެ އިތުރުން ބީސީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަގްސަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.