"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މީގެ ކުރިން، އެ މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި މި މަހުގެ 25 ވަނަ ދުވަހަށް ހަމަވާއިރު މިހާރު ވަނީ މި މުއްދަތު އަންނަ މެއި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.
ބީސީސީން ބުނީ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އުތުރުކޮށްފައިވަނީ، މައުރަޒުގައި ބައިވެރިވުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމަށެވެ. އަދި މައުރަޒުގައި ބައިވެރިވާން ބޭނުންވާ މީންނަށް އިތުރު ފުރުސަތެއް ދިނުމާ އެކު ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަދި މި މައުރަޒަށް ހާއްސަ ވެބްސައިޓް، ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިން ނުވަތަ ބީސީސީގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރުތަކުން ބަލައިގަނެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން އަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ ފުރުސަތުވެސް ހުޅުވާލާފއިވާއިރު މައުރަޒުގައި ތަކެތި ބައިވެރި ކުރުމަކަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ.