މި އަހަރު ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފިއެވެ.

މި އަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ މި މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރުމުގެ އުސޫލު އާންމު ކޮށްފައެވެ. މި އުސޫލުގައިވާ ގޮތުން، މައުރަޒުގައި ވާދަކުރެވޭ ދާއިރާތަކާއި ގިންތިތަކާ ގުޅޭ ހުރިހާ ކަމެއް އިންތިޒާމު ކުރާނީ އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން އެކުލަވާލާފައިވާ ފަންނީ ކޮމިޓީއަކުންނެވެ. މިއަހަރުގެ މައުރަޒު ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސައްތައިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ތައުލީމު ދޭ މަރުކަޒުތަކާއި، ކައުންސިލްތަކުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ. މައުރަޒުގައި ބައިވެރިކުރާ އުފެއްދުންތަކަކީ ރާއްޖެއިން ބޭރުން ގެނެސްފައިވާ ތަކެއްޗަށް ވެގެން ނުވާނެ ކަމަށާއި، އެއީ ހުށަހަޅާ ފަރާތުގެ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އާ އީޖާދުތައް ކުރާ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް ބާއްވާ ގައުމީ ފެންވަރުގެ ހަރަކާތެކެވެ. ބީސީސީން މައުލޫމާތުދޭ ގޮތުގައި، މިއަހަރުގެ މައުރަޒުގައި މުދާ ވިއްކުމަށް ހާއްސަ މާކެޓް ޕްލޭސްއަކާއި، އިނޮވޭޓިވް ޓެކްނޮލޮޖީ ޑިސްޓްރިކްޓެއްގެ އިތުރުން މުނިފޫހިފިލުވުމަށް ހާއްސަ ސަރަޙައްދެއް ގާއިމުކުރާނެއެވެ.