ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، މި މައުރަޒުގައި ބައިވެރިވުމަށް އީފާސް އިން ލޮގިންވުމަށްފަހު ވަންގަވްގައި މިކަމަށް ހާއްސަކުރެވިފައިވާ ފޯމް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މައުރަޒަކީ މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީ ކުރުމަށް ބާރު އަޅައި، ދިވެހިންގެ ހުނަރުވެރި އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ބާއްވާ މައުރަޒެކެވެ.
މި މައުރަޒުގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކާއި އަދި ހުރިހާ އުމުރުފުރައަކަށް ވެސް މުނިފޫހިފިލުވުމުގެ ގޮތުން ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން އީޖާދީ ގޮތުން ކުރިއަރާފައިވާ ބޭރުގެ ގިނަ ގައުމުތަކުގެ އުފެއްދުންތައް މި މައުރަޒުގެ އެކި ޑިސްޓްރިކްޓްތަކުން ފެނިގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އަންނަ މެއި މަހުގެ 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒު އިންތިޒާމްކޮށް ހިންގުމަށް ހަމަޖެހިފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވެބްސައިޓް އިފްތިތާހްކޮށް މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.