ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ގަރާރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާހު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ޓޫރިޒަމާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ މ ގެ 3 ވަނަ ނަންބަރަށް އިސްލާހު ގެންނެވީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި އާންމުކޮށްފައި އޮތް ގޮތަށް ބަދަލުގެންނަން ޖެހިއްޖެކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ.
މި އިސްލާހުގައި ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ވަނީ ކަނޑައަޅުއްވާފައެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި، ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ގއ. ވިލިނގިލީގައި އެއާޕޯޓް ތަރައްގީކުރުމާއި، ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއާޕޯޓު ތަރައްގީކުރުމާއި، ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަނޭޝަލަން އެއާޕޯޓެއް ތަރައްގީކުރުން ހިމެނެއެވެ. މި މަޝްރޫއުތަކަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5 މިލިއަން ޔޫއެސް ޑޮލަރެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން، ލ. ގަމާއި، އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމަށް ނިންމާފައިވާއިރު، އެ މަޝްރޫއުތަކަށް ހަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 4 މިލިއަން ޔޫއެސް ޑޮލަރެވެ.
ހަމައެއާއެކު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި މުޅި ދިވެހިރާއްޖޭގައި ސޯޝަލް ހައުސިންގް މަޝްރޫއުތައް ހިންގުމަށާއި ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުން ބިންހިއްކުމަށް ވަނީ ނިންމާފައެވެ. އަދި މުޅި ރާއްޖޭގައި ބިންހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމަށާއި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫއު ތަކުގެ އިތުރުން ކޮޅުމަޑުލު ވޭމަންޑޫ އާއި ކޮޅުމަޑުލު ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ކޮޅުމަޑުލު ދިޔަމިގިއްޔާއި ކޮޅުމަޑުލު މަޑިފުށި ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ހައްދުންމަތީ ހިތަދޫ އާއި ހައްދުންމަތީ ކުނަހަންދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ހައްދުންމަތީ ކަލައިދޫ އާއި ހައްދުންމަތީ ދަނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، މުލަކަތޮޅު މުއްޔާއި މުލަކަތޮޅު ނާލާފުށި ކޯޒްވޭ ލިންކަކުން ގުޅައިލުމަށް މަޝްރޫއުތައް ހިންގުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ހައިޕާފޯމަންސް ސެންޓަރެއް ގާއިމުކުރުން ވަނީ މަޝްރޫއުތަކުގެ ތެރޭގައި ހިމަނާފައެވެ. އެ މަޝްރޫއަށް ހަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 20 މިލިއަން ޔޫއެސް ޑޮލަރެވެ.