އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލްގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާންގެ ގެއަށް ފުލުހުން ވަދެ އެ ގެ ބަލައި ފާސްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްއާންގެ ގެއަށް ފުލުހުން ވަދެ އެގެ ބަލައި ފާސްކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެގެއިން ބައެއް ލިޔެކިޔުން ފަދަ އެއްޗެހިތަކެއް ފުލުހުން ވަނީ ގެންގޮސްފައެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެގެއިން ގިނަ އަދަދެއްގެ ފައިސާތަކެއް ވެސް ވަނީ ގެންގޮސްފައެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާތަކެއް ކަން އަދި އެނގިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.

ޝަމްއާން މަގާމުން ވަކިކޮށްފައި މި ވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދަމުންދާ މައްސަލައެއް ތަހްގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިމިގްރޭޝަން އޮފިސަރުންނަށް ކުރާ ތަހުމަތު ޝަމްއާންގެ މައްޗަށް ކުރާ ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިމިގްރޭޝަން ކޮޮންޓްރޯލަރުގެ މަގާމަށް ޝަމްއާން އައްޔަންކުރެއްވީ ނޮވެމްބަރު 19، 2023 ގައެވެ. އެ މަގާމުން ޝަމްއާން ވަކި ކުރުމަށް ފަހު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ފަސީހް ވަނީ އައްޔަން ކޮށްފައެވެ.