މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު މީޑިއާތަކާ ބައްދަލުކޮށް ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2026 ޖޫން 9 ވަނަ ދުވަހު ޝަމްއާން މީޑިއާއަށް ދެއްވި މައުލޫމާތުތަކަކީ ތަހުގީގުގެ މިނިވަންކަމާ މެދު ސުވާލު އުފެއްދުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. މިބަޔާނުގައި، ޝަމްއާނާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، 2025 މާރިޗު 11 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި ބިދޭސީއަކު ދޫކޮށްލުމަށް ޝަމްއާން އިރުޝާދު ދެއްވާފައިވަނީ 500,000 (ފަސްލައްކަ) ރުފިޔާގެ ރިޝްވަތަކަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ އިމިގްރޭޝަންގެ ދެ މުވައްޒަފަކު ދަންވަރު 3:00 އެހައިކަންހާއިރު ފައިސާ ހުރި ކޮތަޅެއް ހިފައިގެން ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ، ތިން މިނެޓް ފަހުން ނުކުތްއިރު އަތުގައި އެ ކޮތަޅު ނެތްކަން ތަހުގީގަށް ވަނީ ހޯދިފައެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު ޝަމްއާންގެ ބޭންކް އެކައުންޓްތަކަށް 259,837.35 ރުފިޔާ ޖަމާކޮށްފައިވާކަން ވެސް ފުލުހުން ފާހަގަކުރިއެވެ.
ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް ރައްދު ދެމުން ފުލުހުން ބުނީ، މުޅި ތަހުގީގު މަރުހަލާގައިވެސް ޝަމްއާންގެ ފޯނު ހުޅުވުމަށް އޭނާ އެއްބާރުލުން ދީފައިނުވާ ކަމަށެވެ. އަދި އޭނާގެ ފޯނުގައި ކޮރަޕްޝަނުގެ ހެކި ހުރި ކަމަށް މިހާރު ބުނި ނަމަވެސް، މީގެ ކުރިން އެފަދަ އެއްވެސް މައުލޫމާތެއް ރަސްމީ އިދާރާއަކާ ހިއްސާކޮށްފައި ނުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ދައުވާ އުފުލައި، މިހާރު ކްރިމިނަލް ކޯޓުން މި މައްސަލައިގައި ހުކުމް ވެސް އިއްވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ކޯޓުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ އޮތް ހަމައެކަނި ގާނޫނީ ހައްލަކީ އިސްތިއުނާފު ކުރުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
