ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން މާލޭގެ ޒުވާނުންނަށް ބައިބަލައި ކުޅޭ މައިދާނެއް ހަދާފައިވާ ކަމަށް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާ ގުޅިގެން އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުގެ މުވައްޒަފުން މި މަސައްކަތް ފެށީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން މިހާރު އެ މައިދާނުގައި ކުޅެވޭ ވަރަށް މަސައްކަތް ވަނީ ނިންމާލާފައެވެ.

މިއީ މާފަންނު ސަހަރާގައި ބައިބަލައި ކުޅުމަށް ޒުވާނުންގެ ތެރޭން ބަޔަކު ތައްޔާރުވުމުން، ރައްޔިތުންގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމަކާ ގުޅިގެން ކުރި މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި މަހުގެ 17 ވަނަ ދުވަހު މާފަންނު ސަހަރާގައި ހުރި ގަބުރުތައް ނަގައި އެތަނުގައި ބައިބަލާ މައިދާނެއް ހަދަމުންދާ މައްސަލަ ވަނީ ފެންމަތިވެފައެވެ. ދިވެހި ތާރީހު ދިރާސާ ކުރައްވާ ނާޖިހު ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކޮށް މާލެ ސިތީ ކައުންސިލަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ. ނަމަވެސް އެ މައިދާން ހަދާފައި ވަނީ ސިޓީ ކައުންސިލުން ކަން ސާފުވާ ގޮތެއް ނުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް އިޖާބަދެއްވައި، އަވަސް ހައްލު ހޯއްދަވައި ދެއްވުމަށް ރެއާދުވާލު ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުން އަންނަ ކަމަށް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެއެވެ. ހާއްސަ ގޮތެއްގައި މި ސަރުކާރަކީ ރައްޔިތުންގެ އަޑު ގާތުން އަހައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރަމުން އަންނަ ސަރުކާރެއް ކަމަށާއި ޒުވާނުންނަށް ހެޔޮ ގޮތްތައް ހޯދައި ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.