ސްޓެލްކޯ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަޝިޕް ސްކީމްގެ ދަށުން ޔޫކޭއިން ތައުލީމް ހާސިލް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ސްކޮލަޝިޕެއް ހުޅުވާލައިފިއެވެ.

ސްޓެލްކޯ އިން ބުނީ، ބެޗްލާސް ޑިގްރީ، އަންޑާ ގްރެޖުއޭޓް ކޯސް ފުރިހަމަ ކުރަން ހަމަޖެހިފައި ވަނީ ޔޫކޭ ގައި ކަމަށާއި މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ތެރެއިން 3 ފަރާތަކަށް އެ ފުރުސަތު ދޭން ނިންމާފައިވާ ކަަމަށެވެ. އެގޮތުން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން ދާއިރާއިން އެއް ޖާގަ އަދި މެކޭނިކަލް އިންޖިނިއަރިން އިން ދެ ޖާގަ ދޭން ވަނީ ނިންމާފައެވެ.

މި ކޯސް ފުރިހަމަ ކުރުމަށް ޔޫކޭގެ ދަ ޔުނިވާސިޓީ އޮފް މެންޗަސްޓާ އާއި ޔުނިވާސިޓީ އޮފް ލީޑްގެ އިތުރުން ޔުނިވާސިޓީ އޮފް ސައުތެމްޓަން ހިޔާރު ކުރެވޭނެއެވެ.

ކޯހުގައި ބައިވެރިވާނަމަ ސަމާލުކަން ދޭން ޖެހޭ ކަންކަން:

  • އުމުރުން 24 އަހަރުން ދަށުގެ ދިވެއްސެއް ކަމުގައިވުން (30 އޭޕްރީލް 2025 ގެ ނިޔަލަށް)
  • މެތަމެޓިކްސް، ފިޒިކްސް އަދި އިތުރު މެތަމެޓިކްސް، ކެމިސްޓްރީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ހިމެނޭ ގޮތަށް އޭ ލެވެލް (A*A*A) ލިބިފައިވުން، ނުވަތަ މަތީ ފަންތީގެ މާއްދާތަކުން 7،6،6،6 ޕޮއިންޓާއެކު އިންޓަރނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ސްކޯއެއް ލިބިފައިވުން، އޭގެ ތެރޭގައި ހަޔާ ލެވެލް މެތަމެޓިކްސް އަދި ހަޔާ ލެވެލް ފިޒިކްސް ނުވަތަ ކެމިސްޓްރީ ފޮ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން އެޕްލިކޭޝަން ހިމެނެއެވެ. މެކޭނިކަލް އިންޖިނިއަރިން އެޕްލިކޭޝަންތަކަށް، މެތަމެޓިކްސް އަދި ފިޒިކްސް ހިމެނޭގޮތަށް މަތީ ފަންތީގައި 7، 7، 6 ޕޮއިންޓާއެކު ޖުމްލަގޮތެއްގައި މަދުވެގެން 38 ޕޮއިންޓްގެ އައިބީ ލިބިފައި ވުން
  • ޖީސީއެސްއީ/އައިޖީސީއެސްއީ އިންގްލިޝް ލޭންގުއޭޖުން މަދުވެގެން ގްރޭޑް ބީ/6 ނުވަތަ ލިޔުމުން 6.5 އާއި 7.0 އަށްވުރެ ދަށުގެ ސަބް ޓެސްޓެއް ނެތި ޖުމްލަ 7.0 ގެ އައިއީއެލްޓީއެސް ސްކޯއެއް ލިބިފައިވުން، ނުވަތަ ސީއޭއީ (ކެމްބްރިޖް އިންގްލިޝް: އެޑްވާންސްޑް)/ސީޕީއީ (ކެމްބްރިޖް ޕްރޮފިސިއެންސީ އިންގްލިޝް) ސްކޯ 185-190 އާ ދެމެދު ލިބިފައިވުން.
  • ހުށަހެޅާ އިންޖިނިއަރިން ދާއިރާތަކުން އަންޑަގްރެޖުއޭޓް ޑިގްރީ ޕްރޮގްރާމެއް އިހްތިޔާރުކުރަންވާނެއެވެ.
  • އެޕްލިކޭޝަން ހުށަހަޅާއިރު އަދި ކިޔެވުމުގައި ވެސް އެހެން ސްކޮލާޝިޕެއް ނުބޭއްވުން.
  • ސިއްހީ ހާލަތު ރަނގަޅުވެފައި، ހޮވުމުން މެޑިކަލް އިމްތިހާނުތައް ހަދަން ތައްޔާރަށް ހުރި މީހަކަށްވުން.

މި ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުން ސްޓެލްކޯއާއެކު އެއްބަސްވުމެއްގައި ސޮއި ކުރަން ޖެހޭ އިރު، ގެރެންތާއެއް ވެސް އެ އެއްބަސްވުމުގައި ސޮއިކުރަން ޖެހެއެވެ. މި ސްކޮލަޝިޕްގައި ބައިވެރިވުމަށް ފަހު އެހެނިހެން ސްކޮލަޝިޕް ސްކީމްތައް ބަލައިގަތުން ނުވަތަ ދާއިމީ ވަޒީފާ ބަލައިގަތުން މަނާ ވާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

މި ސްކޮލަޝިޕް ކޯސް ފެށުމުގެ ކުރިން 6 މަސް ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރަން ޖެހެއެވެ. ނަމަވެސް ކޯސް ފަށާ ތާރީހަށް ބެލުމަށްފަހު އިންޓާންޝިޕްގެ މުއްދަތު ހަމަޖެއްސުމުގެ އިހްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.

ކޯސް ނިންމުމަށްފަހު ސްޓެލްކޯ ސްކޮލަޝިޕް އެގްރީމެންޓުގައި ބަޔާންކޮށްފައިވާ ބޮންޑް ޕީރިއަޑަށް އަމަލުކުރަންވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި ފޯމު ހުށަހަޅާ ފަރާތުގެ އަމިއްލަ އިއުތިރާޒުގެ ސަބަބުން ހުށަހަޅާ އިންޓޭކްގައި ބައިވެރިނުވެވިއްޖެ ނަމަ، އެ އޮފާ އާއި އެއްބަސްވުން އުވާލުމުގެ އިހްތިޔާރު ސްޓެލްކޯއަށް ލިބިގެންވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގެ އެންމެ އިސް އިންޖިނިއަރިން ކުންފުނީގެ ހައިސިއްޔަތުން، ޒުވާން، އުންމީދީ ފަރާތްތަކަށް މަތީ ފެންވަރުގެ ތަޢުއުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލި ސްކޮލާޝިޕެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.