ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭންސީންގެ މައުލޫމާތު އެއްކުރުމަށް ހިންގަމުންދާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން ފާއިތުވި 10 މަސްތެރޭ 100،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ރައީސް މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން 2024 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ފެށި އޮޕަރޭޝަން ކުރަނގިއަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުން އެކަނިވެސް 65،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީން ބުނީ މިދިޔަ ސަރުކާރުގެ 5 އަަހަރު ނިމުނުއިރު އެއްކުރެވިފައިވަނީ ގާތްގަނޑަކަށް 40،000 ބިދޭސީންގެ މައުލޫމާތު ކަމަށާއި، ބިދޭސީންގެ މައްސަލަ އެހާ ބޮޑަށް ބޮއްސުންލައިގެން ގޮސްފައި ވަނީ މީގެ ކުރީގެ ސަރުކާރުތަކުން އަމަލީ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދީފައި ނެތުމުން ކަަމަށެވެ.

އެއާއެކު ހޯމް މިނިސްޓްރީ އިން ބުނީ އޮޕަރޭޝަން ކުރަނގީގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭ އިރު ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ރޯދަމަހަށް ހާއްސަކޮށްގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭންސީންގެ މައުލޫމާތު އެއްކުރުމަށް ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގާޕްރިންޓް އަދި ފޮޓޯ) ޑޭޓާ ނެގުމަށް އިތުރު މަރުކަޒުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ޑެސްކްގެ އިތުރުން ކަލާފާނު ސްކޫލް ހޯލްގައިވެސް ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި މި މަސައްކަތް ޝައްވާލު މަހުގެ 7 ދުވަހުވެސް ކުރިއަށް ގެންދާނެ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭންސީންގެ މައުލޫމާތު އެއްކުރުމަށް ހިންގަމުންދާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބައޯމެޓްރިކްސް ޑޭޓާ އަޕްޑޭޓްނުކުރާ ބިދޭސީން ޑީޕޯޓްކުރަން ހޯމް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.